މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
މިއީ ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެ އެވެ. މި ބައްދަލުވުމުގައި، އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކާމެދު ޚިޔާލުބަދަލުކުރައްވައި، ދެ ޤައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނޭ އިތުރު މަގުތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވި އެވެ.
މި ދަތުރުފުޅުގައި، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރި ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތްކުރައްވައި އެ ޔުނިވާސިޓީގައި ތަގުރީރު ކުރެއްވި އެވެ.
މީގެއިތުރުން މި މިދަތުރުފުޅުގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމަށާއި، އެ ފަރާތްތަކަށް އެއްބާރުލުން ދެއްވޭނޭ ގޮތްތައް ހޯއްދެވުމާމެދު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.