ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އާސެނަލް 1-0 އިން ބަލިކޮށް މުބާރާތުގެ ފައިނަލާ ގާތަށް ޕީއެސްޖީން ޖެހިލައިފި އެވެ.
ރޭގެ މެޗު ފެށިގެން ހަތަރުވަނަ މިނެޓްގައި ޕީއެސްޖީން ވަނީ ލީޑު ނަގާފަ އެވެ. ކްވިޗާ ކްވަރަޝްކޭލިއާ ދިން ޕާހަކުން އޮސްމާނޭ ޑެމްބެލޭ މި ގޯލު ކާމިޔާބު ކުރީ އާސެނަލްގެ އޭރިއާގެ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލަށް ފަހު ޕީއެސްޖީގެ ޑިސައިރޭ ޑުއޭ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އާސެނަލްގެ ކީޕަރު ޑޭވިޑް ރަޔާ ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން އާސެނަލްގެ ގެބްރިއަލް މާޓިނެއްލީ އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް ޕީއެސްޖީގެ އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ހަމަލާ މަތަކުރީ ޕީއެސްޖީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު މިކޭލް މެރީނޯ އާސެނަލަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް، އޭނާ ގޯލު ކާމިޔާބު ކުރިއިރު ހުރީ އޮފްސައިޑް މަގާމެއްގައި ކަމުން ރެފްރީ ވަނީ އެ ގޯލު ކެންސަލްކޮށްފަ އެވެ. މި ހާފުގައި އާސެނަލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، ކައުންޓަ އެޓޭކުގައި ޕީއެސްޖީއަށް ވަނީ ލީޑު ފުޅާކޮށްލަން ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެގޮތުން ބްރޭޑްލީ ބާކޯލާ ފޮނުވާލި ހަމަލާ ގޯލު ދަނޑި ކައިރިން ބޭރަށް ދިޔައިރު، ގޮންސާލޯ ރާމޯސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދަނޑި އަށެވެ.
ޕީއެސްޖީގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގު އޮންނާނީ އަންނަ ހަފްތާގަ އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ޕީއެސްޖީ އަށް ފައިނަލްގެ ޖާގައެއް ލިބޭނެ އެވެ.