Last Updated: April 30, 11:35
Wednesday, April 30, 2025
ޚަބަރު

ޒަކާތު ދާއިރާ އިން މީހުން ބިނާކުރަން އެއްބަސްވުމެއް

ޒަކާތުގެ ދާއިރާ އިން މީހުން ބިނާކުރަން ރާއްޖޭގެ ޒަކާތު ހައުސް އާއި މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ (އައިއައިޔޫއެމް) އާ ދެމެދު އެއްބަސްވުމެެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދެވެ. ޔުނިވަސިޓީގެ ފަރާތުން ސޮއިކުރެއްވީ ރެކްޓާ ޕްރޮފެސަރު ޑރ އުސްމާން ބަކަރް އެވެ.

މި އެއްބަސްވުމުގެ ދަށުން ޒަކާތުގެ ދާއިރާއިން މީހުން ތަމްރީން ކުރުމަށް ދެ ފަރާތުން ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. މިއީ ރާއްޖޭގެ ޒަކާތު ހައުސް އާއި ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ޒަކާތު ހައުސް އުފައްދައި އެތަން ރަސްމީކޮށް އިފުތިތާހުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 2 ގަ އެވެ.

އައިއައިޔޫއެމްއާ އެކު ރާއްޖެ އިން ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާ އަށް ކުރެއްވި ރަސްމީގެ ދަތުރުގެ ތެރެއިން ރައީސަށް އެ ޔުނިވަސިޓީގެ އޮނަރަރީ ޑޮކްޓަރޭޓު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ހަވާސާގެ ތެރެއިންނެވެ.