މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރެއިން ދެ ފިލްމެއް ވަރަށް ފެވަރިޓް ކަމަށް ބޮލީވުޑްގެ ބަތަލާ ޕްރިތީ ޒިންތާ ބުނެފި އެވެ.
ދެހާހުގެ ކުރީކޮޅު ބޮލީވުޑްގެ އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނޭ ޕްރިތީ އެކްސްގައި ކުރިއަށް ގެންދޔަ ސުވާލާއި ޖަވާބު ސެޝަނެއްގައި ބުނީ އޭނަގެ ކެރިއަރުގެ އެންމެ ފެވަރިޓް ދެ ފިލްމަކީ 2000 ވަނަ އަހަރުގެ "ކިޔާ ކެހެނާ" އާއި 2004 ގެ "ވީރު-ޒާރާ" ކަމަށެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ވަނީ އެ ދެ ފިލްމު ފެވަރިޓްތަކަށްވާ ސަބަބު ވެސް ހިއްސާކޮށްފަ އެވެ.
"ކިޔާ ކެހެނާ ފެވަރިޓްވާ ސަބަބަކީ އަހަރެން އެންމެ ފުރަތަމަ ސޮއިކުރި ފިލްމަށްވާތީ. އަދި ވީރް-ޒާރާ ހާއްސަވާ ސަބަބަކީ އެފަދަ ދެވަނައެއް ނެތް ޑައިރެކްޓަރު ޔާޝް ޗޯޕްޅާއާ އެކު މަސައްކަތް ކުރަން ލިބުނީތީ." ޕްރިތީ ބުންޏެވެ.
"ކިޔާ ކެހެނާ" އަކީ ކުންދަން ޝާހް ޑައިރެކްޓްކުރި ފެމިލީ ރޮމޭންޓިކް ޑްރާމާއެކެވެ. ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި އެ ފިލްމުގެ ބަތަލަކީ ސައިފް އަލީ ޚާނެވެ. ޝާހްރުކް ޚާނާއި ރާނީ މުކަރްޖީ ވެސް މުހިއްމު ރޯލުތަކެއް ކުޅުނު "ވީރު-ޒާރާ" އަކީ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. މިއީ ވަރަށް ކާމިޔާބު ފިލްމެކެވެ.
"ކިޔާ ކެހެނާ" އަކީ ޕްރިތީ ސޮއިކުރި ފިލްމު ކަމަށް ވިޔަސް، އޭނަ ބޮލީވުޑަށް ތައާރަފުވީ ޑައިރެކްޓަރު މަނީ ރަތުނަމް 1998 ގައި ޝާހްރުކާ އެކު ގެނެސްދިން ރޮމޭންޓިކް ތުރިލާ "ދިލް ސޭ" ގައި ކުޅުނު ސަޕޯޓިން ރޯލަކުންނެވެ. އެ ފިލްމުގެ ލީޑް ބަތަލާ އަކީ މަނީޝާ ކޮއިރަލާ އެވެ.
މިހާރު އުމުރުން 50 އަހަރުގެ ޕްރީތީގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ސޯލްޖާ"، "މިޝަން ކަޝްމީރު"، "ކޮއި…މިލް ގަޔާ"، "ދިލް ޗާތާ ހޭ"، "ކަލް ހޯ ނަ ހޯ"، "ހަރް ދިލް ޖޯ ޕިޔާރު ކަރޭގާ" އަދި "ސަލާމް ނަމަސްތޭ" ހިމެނެ އެވެ.
އެކްޓިންއާ ދުރުގައި ހުންނަތާ ވަރަށް ގިނަ ދުވަސް ފަހުން ޕްރިތީ މިދިޔަ އަހަރު ސަނީ ޑިއޯލްއާ އެކު ކުޅުނު ފިލްމު "ލާހޯރް، 1947" މި އަހަރު ރިލީޒްކުރާނެ ކަމަށް ބެލެވެ އެވެ. އާމިރު ޚާން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ރާޖްކުމާރު ސަންތޯޝީ އެވެ.
ޕްރިތީ އެންމެ ފަހުން ފެނިފައި ވަނީ ސަނީއާ އެކު ކުޅުނު 2018 ގެ "ބެއްޔާޖީ ސުޕަހިޓް" އިންނެވެ.