'ނެޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް' އަންނަ މަހު ބާއްވަން ނިންމައިފި އެވެ.
ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބާއްވާ ކޮންފަރެންސް އޮންނާނީ އަންނަ މަހުގެ 10-12 އަށެވެ. މިއީ ކަމާ ގުޅުން ހުރި ހުރިހާ އިދާރާތައް ހިމެނޭހެން ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސެވެ.
ރާއްޖޭގައި ކުޑަކުދިންގެ ޢަދުލުގެ ގާނޫނެއް ގެނެސް ޢަމަލު ކުރަން ފެށީ 2019 ގަ އެވެ.
'ނެޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް' އާ ބެހޭ ގޮތުން ޕީޖީ އޮފީހުން ބުނީ ކޮންފަރެންސްގެ އެންމެ ބޮޑު ބޭނުމަކީ ޢިލްމީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ނިޒާމުގައި ހުރި މައްސަލަތަކަށް ޙައްލުތައް ހޯދުން ކަމަށެވެ. އަދި ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ޙިއްސާވާ އެކި އިދާރާތައް ގުޅިގެން މަސައްކަތް ކުރުމުގައި ހުރި ދަތިތަކާއި ހުރަސްތައް މިހާރަށް ވުރަށް ވުރެ ކުޑަކުރެވޭނެ ގޮތްތައް ހޯދައި، އެކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނައުމެވެ.
ކޮންފަރެންސްގައި ދިރާސީ އަށް ކަރުދާހެއް ހުށަހެޅުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ކަމާ ގުޅުހުންރި އިދާރާތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީން ހުށައަޅާ ޕޭޕަރުތައް ވެސް ހިމެނެ އެވެ. އަދި ކޮންފަރެންސްގައި ކީނޯޓް ދެ ސްޕީކަރުން ބައިވެރި ވާނެ އެވެ.
ކޮންފަރެންސްގައި ޕީޖީ އޮފީސް، ޔުނިސެފް، ޕޮލިސް، ސޯޝަލް އެންޑް ފެމިލީ މިިސްޓްރީ، ކޮލެޖުތައް އަދި ކަމާގުޅުންހުރި އިދާރާތައް ހިމެނޭހެން ޓެކްނިކަލް ޕާޓިސިޕަންޓުންގެ ގޮތުގައި 16 އިދާރާއަކުން ބައިވެރިވެރިވެ އެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި 11 އިދާރާއެއް ބައިވެރިވާނެ އެވެ.