Last Updated: April 30, 14:02
Wednesday, April 30, 2025
މުނިފޫހިފިލުވުން

'ހައުސްފުލް 5' ގެ ޓީޒާ ދައްކާލައިފި

ބޮޑު ކާސްޓަކާ އެކު މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ހައުސްފުލް 5" ގެ ޓީޒާއެއް މިއަދު ދައްކާލައިފި އެވެ.

މި އަހަރު ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ގެނެސްދެމުން އަންނަ ކޮމެޑީ ފްރެންޗައިޒް "ހައުސްފުލް" ގެ ފަސް ވަނަ ބައެވެ. މި ފަހަރު ފިލްމުގެ މައިގަނޑު ޕްލޮޓް އެނބުރޭނީ ކްރޫޒް ލައިނާއެއްގައި ހިންގާ ގަތުލެއްގެ ހަގީގަތްް ހޯދަން ކުރާ މަސައްކަތުގެ މައްޗަށެވެ.

ޖޫން 5 ގައި ސިނަމާތައް ފުލްކޮށްލަން ގެނެސްދޭ "ހައުސްފުލް 5" ގެ ޑައިރެކްޓަރަކީ ތަރޫން މަންސުކާނީ އެވެ. އޭނަ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި 2008 ގެ "ދޯސްތާނާ" ގެ ޑައިރެކްޓަރެވެ.

"ހައުސްފުލް 5" ގެ ކާސްޓަށް ބަލާ އިރު، މީގެ ހުރިހާ ބައެއްގައި ވެސް ހިމެނޭ އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކާ އެކު، ކުރީގެ އެކި ބައިތަކުން ފެނިފައިވާ ބައެއް ތަރިންނާއި މުޅިން އަލަށް ކާސްޓާ ގުޅުނު ތަރިން ވެސް ހިމެނެ އެވެ. އެގޮތުން ފިލްމުން ފެންނާނެ ތަރިންގެ އަބީޝެކް ބައްޗަން، ޝްރެޔަސް ތަލްޕްޅޭ، ޖެކްލީން ފެނާންޑޭޒް، ނަރުގިސް ފަޙްރީ، ފަރުދީން ޚާން، ޑީނޯ މޯރިއާ، ޗިތުރަންގަދާ ސިންގް، ޗަންކީ ޕާންޑޭ، ސައުންދަރިއާ ޝަރުމާ، ސަންޖޭ ދަތު، ސޯނަމް ބަޖްވާ، ޖެކީ، ޝްރޮފް، ނާނާ ޕަޓޭކަރް، ޖޯނީ ލީވާ، ރަންޖީތު އަދި ނިތިކިން ދީރް ހިމެނެ އެވެ.

"ހައުސްފުލް" ފްރެންޗައިޒްގެ ފުރަތަމަ ދެ ފިލްމު 2010 އާއި 2012 ގައި ގެނެސްދިނީ ސާޖިދު ޚާން ޑައިރެކްޓްކޮށެވެ. "ހައުސްފުލް 3" ސާޖިދު-ފަރުހާދު ޑައިރެކްޓްކޮށް ގެނެސްދިނީ 2016 ގަ އެވެ. އަދި "ހައުސްފުލް 3" 2016 ގައި ގެނެސްދިނީ ފަރުހާދު ޑައިރެކްޓްކޮށެވެ.

މި ހަތަރު ފިލްމު ވެސް ވަރަށް ކާމިޔާބެވެ.