ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯންތަކާއި ސްކޮލަޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް ލިބެން ޖެހޭ ފައިސާ ޖަމާ ނުވެ ލަސްވާ މައިގަނޑު ސަބަބަކީ ޖަމާކުރަން ޖެހޭ ބޭންކު އެކައުންޓްތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ސްޓޫޑަންޓު ލޯނު ފައިސާ ލަސްވާ ސަބަބު ސާފުކުރަން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން ލިޔުމުން ޖަވާބު ހޯދަން ފޮނުވި ސުވާލެއްގެ ޖަވާބުގައި މިނިސްޓްރީން މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ފޮނުވި ޖަބާވުގައި ބުނީ ފައިސާ ދޫކުރުން ލަސްވަނީ ސީދާ މިނިސްޓްރީގެ މައްސަލައަކުން ނޫން ކަމަށެވެ.
އަދި އަސްލު މައްސަލަ އަކީ ދަރިވަރުންނާއި ޔުނިވަސިޓީތައް ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން މިނިސްޓްރީން އިއުލާން ކުރާ ސްކޮލާޝިޕް ފުރުސަތުތަކުގެ ދަށުން ރާއްޖޭން ބޭރުގައި ކިޔަވާ ކުދިން، ފައިސާ ހަމަޖެއްސޭހާ ވަގުތު އޮއްވައި ފުރާ ދުވަސް މިނިސްޓްރީއަށް އަންގައިފި ނަމަ އެ ދަރިވަރަކަށް ދެ މަސް ދުވަހުގެ ސްޓައިޕެންޑާއި ބައެއް އެހެން ކަންކަމަށް ދޭ ފައިސާ ޑޮލަރުން ދެމުން އަންނަ ކަމަށް ބުންޏެވެ.
ސްކޮލަޝިޕްގައި ކިޔަވާ ދަރިވަރުންނަށް ދެން ހުރި ފައިސާ ޖަމާކޮށްދެނީ އެ ކިޔަވާ ގައުމަކަށް ގޮސް އެ ގައުމުގައި ހުޅުވާ ބޭންކު އެކައުންޓުގެ ތަފުސީލުތައް ފިނޭންސް މިނިސްޓްރީއާ ހިއްސާކުރުމުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެގޮތުން އަހަރަކު ދެ ފަހަރު ސްޓައިޕެންޑް ފައިސާ ޖަމާކޮށްދޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސްޓޫޑަންޓު ލޯނުގައި ކިޔަވާ ކުދިންގެ ފައިސާގެ ތެރެއިން ކޯސް ފީ ޖަމާކޮށް ދެނީ އެ ދަރިވަރަކު ކިޔަވާ ޔުނިވާސިޓީއަކަށެވެ. މިނިސްޓްރީން ބުނީ މި ފައިސާ ޖަމާކޮށް ދެނީ ޔުނިވާސިޓީގެ އިންވޮއިސް ލިބުމުން ފޮރިން ޕޭމަންޓްސްގެ ގޮތުގައި ސީދާ އެ ޔުނިވާސިޓީއަކަށެވެ. އެކަމަކު ބައެއް ތަންތަނުން އިންވޮއިސް ފޮނުވުން ލަސްވުމާއި ބޭންކު އެކައުންޓުގެ މައުލޫމާތު ފުރިހަމަ ނުވާތީ ފައިސާ ޖަމާކުރުން ލަސްވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި މައުލޫމާތު ފުރިހަމަ ނުވާ ހާލަތްތަކުގައި މައުލޫމާތު ފުރިހަަމަ ކުރަން ޔުނިވަސިޓީތަކަށާއި ދަރިވަރުންނަށް މިނިސްޓްރީން އަންގާ ކަމަށާއި މައުލޫމާތުތައް ފުރިހަމަ ކުރުމަށް ފަހު އަލުން މިނިސްޓްރީއަށް ހުށަހެޅުމުގައި ވެސް ވަގުތުތަކެއް ހޭދަވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މިއީ ފައިސާ ޖަމާކުރުން ލަސްވާ މައިގަނޑު ސަބަބު ކަމަށް މިނިސްޓްރީން ބުންޏެވެ.
މިކަން ހައްލުކުރަން ބޭންކު މައުލޫމާތު ފުރިހަމަ ކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ހިމެނޭ މައުލޫމާތު ކަރުދާހެއް ދަރިވަރުންނާ ހިއްސާކޮށްފައި ވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ޔުނިވާސިޓީތަކަށް ޖަމާކޮށްދޭ ޓިއުޝަން ފީގެ އިންވޮއިސްތައް ލަސްވާތީ، ޓިއުޝަން ފީ ދައްކާނެ ގޮތުގެ ޝެޑިއުލްއެއް ހިއްސާކުރުމަށް ވެސް ދަރިވަރުންނަށް އަންގާފައި ވާނެ ކަމަށް މިނިސްޓްރިން ބުންޏެވެ.
ސްޓޫޑަންޓު ލޯނުގައި ކިޔަވާ ދަރިވަރުންގެ އެހެން ހަރަދުތަކުގެ ފައިސާ ޖަމާކޮށް ދެނީ ލޯނު އެއްބަސްވުމުގައި އޮންނަ ދިވެހި ރުފިޔާ އެކައުންޓަށެވެ. އެ ފައިސާ ޖަމާކޮށްދެނީ ފުރަތަމަ ޕޭމަންޓަށް ފަހު ހަ މަސް ދުވަސް ފަހުންނެވެ. އަދި ފައިސާ ޖަމާކޮށް ދެނީ އެ ކުއްޖަކު އެ ކިޔަވާ ޔުނިވާސިޓީއެއްގައި ކިޔަވާ ކަމުގެ ލިޔުމެއް ހުށަހެޅުމުންނެވެ.
ޔުނިވާސިޓީގައި ކިޔަވަމުންދާ ކަމުގެ ލިޔުމެއް ހުށަހަޅަން އަންގަނީ ކިޔެވުން މެދުކަނޑާލައިފި ހާލަތެއްގައި އެ ފައިސާ ހަރަދު ކުރުން ހުއްޓުވުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް މިނިސްޓްރީން ބުންޏެވެ.