Last Updated: April 30, 14:02
Wednesday, April 30, 2025
ދުނިޔެ

އިންޑިއާ އިން ހަމަލާ ދޭން އެބަ ރާވާ

ޕާކިސްތާންގެ އިންފޮމޭޝަން މިނިސްޓަރު.

އިންޑިއާ އިން ޕާކިސްތާނަށް ހަމާލަތަކެއް ދޭން ރާވަމުންދާކަމުގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ޕާކިސްތާންގެ އިންފޮމޭޝަން މިނިސްޓަރު އަތައުއްލާ ތަރާރު ވިދާޅުވެއްޖެ އެވެ.

އޭނަ ވިދާޅުވީ ކުރިއަށް އޮތް 24 ނުވަތަ 36 ގަޑި އިރުތެރޭ ޕާކިސްތާނަކަށް ހަމަލާތަކެއް ދީފާނެ ކަމަށެވެ. އެކަމަކު އިންޑިއާ އިން އެކަން ކުރަން އުޅެނީ އަސްލެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށް ވިދާޅުވި އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ނުތަނަވަސް އަލުން ބޮޑުވެފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ އިންޑިއާގެ ފަޅީގެ ޕަހަލްގާމަށް ދިން ޓެރަރިސްޓް ހަމަލާއެއްގައި 26 މީހަކު މަރައިލުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 25 މީހަކާއި ނޭޕާލްގެ މީހެކެވެ.

އެ ހަމަލާގެ ޒިންމާ "ކަޝްމީރު ރެސިސްޓަންސް" ކިޔާ ޖަމާއަތަކުން ނަގާފައިވާ އިރު، އިންޑިއާ އިން ތުހުމަތުކުރާ ގޮތުގައި އެ ހަމަލާގެ ފަހަތުގައި އޮތީ ޕާކިސްތާނެވެ.

ޕަހަލްގާމް ދިން ހަމަލައާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެންދަވަނީ ކަމާބެހޭ ފަރާތްތަކާ އެކު މަތީ ފަންތީގެ ބައްދަލުވުންތަކެއް ބާއްވަމުންނެވެ. އެގޮތުން މިހާރު ރައްދު ހަމަލާތައް ދިނުމުގެ ފުރިހަމަ ބާރު އަސްކަރިއްޔާ އިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ކޮންމެ ވަގުތަކު ވެސް ހަމަލާތައް ދިނުމުގެ ބާރު ދެއްވާފައިވެ އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މީގެ ކުރިން ވެސް ގެއްލުން ބޮޑު އެތައް ހަނގުރާމައެއްކޮށްފައިވާ މި ފަހަރުގެ މި ހޫނުގަނޑާ ހެދި އަލުން ދެ ގައުމު ހަނގުރާމައަކަށް ހިނގައިދާނެ ބިރު އޮތީ ބޮޑުވެފަ އެވެ.