Last Updated: April 30, 18:29
Wednesday, April 30, 2025
ޚަބަރު

ދުންފަތުގެ މުއާމަލާތްކުރާ ތަންތަނުގެ އިންސްޕެކްޝަނެއް

ދުންފަތުގެ އިސްތިއުމާލުކުރާ ތަންތަން ބަލައި ފަސްކުރުމާއި އެފަދަ ތަންތަން މިގަނޑުތަކަށް ފެތޭތޯ ބެލުމަށް ހާއްސަ އިންސްފެކްޝަނެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.

މި އިންސްޕެކްޝަނެއް ކުރިއަށް ގެންދަނީ ހެލްތު ފުލުހުންނާއި ކަސްޓަމްސް ސާވިސްއާ ވެސް ގުޅިގެންނެވެ.

އެޗްޕީއޭ އިން ބުނީ އިންސްޕެކްޝަން އަމާޒުކޮށްފައި ވަނީ ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތަކާއި ލައުންޖުތަކަށް ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާ ބާވަތްތަކުގައި ލޭބަލް ޖަހާފައި ވަނީ ރަނގަޅަށްތޯ އާއި، ވަކިން ސިނގިރޭޓު ވިއްކުމާއި ޕެކެޓްކޮށްގެން ވިއްކާ ދުންފަތުގެ ބާވަތްތަކުގެ ޕެކިން ހުރީ ރަނގަޅަށްތޯ ބަލާނެ އެވެ.

އަދި މީހުންނަށް ފެންނަ ގޮތަށް ދުންފަތުގެ ބާވަތްތައް ބަހައްޓާފައިވޭތޯ އާއި ވޭޕް ބޭނުން ކުރުމާއި، ވިއްކުން ފަދަ ކަންކަން ކުރާތޯ ވެސް ބަލާނެ އެވެ. މީގެ އިތުރުން އޭސީކޮށްފައި ހުންނަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ އެތަންތަން ދެނެގަނެ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާއި ގަވައިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް، ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކާއި ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ.