Last Updated: April 30, 18:29
Wednesday, April 30, 2025
ޚަބަރު

ޅެމުން ފަރުވާ ހޯދަން ފުލުހުންނާ މަޝްވަރާކޮށްފި

ނަފުސާނީ އަނިޔާ ލިބޭ މީހުންނަށް ޅެމުން ފަރުވާ ދިނުމާ ގުޅޭ ގޮތުން ބަހާ މިނިސްޓްރީން ފުލުހުންނާ މަޝްވަރާކޮށްފި އެވެ.

އިއްޔެ ބޭއްވި އެ މަޝްވަރާގައި މިނިސްޓްރީގެ ފަރާތުން އިސްކޮށް ހުންނެވީ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ. ފުލުހުންގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނައީމެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ފުލުހުން ބުނީ ޅެން ބޭނުންކޮށްގެން ނަފުސާނީ ބައްޔަށް ފަރުވާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެގޮތުން ބައްދަލުވުމުގައި ދެ އިދާރާ ގުޅިގެން އެކި ކަހަލަ ދިރާސާތައް ހެދުމުގައި މިނިސްޓްރީގެ ފަރާތުން ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި އަދި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކުގައި މިނިސްޓްރީގެ އެހީތެރިކަން ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

ފުލުހުން ބުނީ މިއީ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ގާތުން އެންމެ ރަނގަޅަށް ފޯރުކޮށް ދިނުމަށްޓަކައި އެކި އިދާރާތަކާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.