Last Updated: April 30, 18:29
Wednesday, April 30, 2025
ޚަބަރު

ރިޔާސީ ކޮމިޝަނުން ޔުމްނުގެ ހާދިސާގެ ތަހުގީގު ފަށައިފި

އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަށް ޗެއްޓުނު ހައްވާ ޔުމްނުގެ ހާދިސާ ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތް ފަށައިފި އެވެ.

އެ ކޮމިޝަނުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫން ކޮންފަރެންސްގައި ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ ކޮމިޝަންގެ އަމާޒަކީ ވީހާ ވެސް ރަނގަޅަކަށް ތަހުގީގު ކުރިއަށް ގެންގޮސް ނިންމާލުން ކަމަށެވެ. އަދި މި ތަހުގީގުގެ ސަބަބުން ހާދިސާގެ ހަގީގަތާ ހަމައަށް ވާސިލުވާނެކަމުގެ އުންމީދު ވެސް އޮތް ކަމަށް ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ މި ހާދިސާގެ ޖިނާއީ ތަހުގީގެއް ފުލުހުން ކުރިއަށް ގެންދިޔަ ނަމަވެސް ފުލުހުންގެ ތަހުގީގާއި ކޮމިޝަންގެ ތަހުގީގާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ނަމަވެސް ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަށް ފުލުހުން ހިންގާ ތަހުގީގަށް ހޯދާފައިވާ މައުލޫމާތައް ބޭނުން ކުރަން ޖެހޭ ހާލަތްތަކެއް އޮތް ނަމަ، ފުލުހުންގެ ފަރާތުން ހޯދަން ބޭނުންވާ މައުލޫމާތު ކޮމިޝަނުން ހޯދާނެ ކަމަށެވެ.

މުނައްވަރުވިދާޅުވީ ރައީސް މުއިއްޒު ކޮމިޝަން އުފެއްދެވިއިރު ފުލުހުން ހިންގަން ޖެހޭ ތަހުގީގު ހިންގާފައިވޭތޯ ނުވަތަ ނޫންތޯ ބަލައި، އެކަން ނުކުރާނަމަ ކޮމިޝަނުން ކުރަން ޖެހޭ ކަންކަންކޮށް ތަހުގީގު ފުރިހަމަ ކުރާނެ ކަމަށެވެ.

"އަޅުގަނޑަށް މައްސަލައަކީ އަޅުގަނޑުމެންނާ ހަވާލުކުރި މެންޑޭޓުގައި އޮތް ގޮތުން، މި އޮތީ ހާދިސާ ހިނގި ސަބަބު އެނގޭތޯ،" އޭނަ ވިދާޅުވި އެވެ. "މާނައަކީ ވެއްޓުނު މީހާ ވެއްޓުނު ގޮތާއި ވެއްޓުނު ސަބަބު އެ އެއްޗެހި ތަހުގީގު ކުރަން ޖެހޭ ފަރާތުން ކޮށްފިތޯ ނުވަތަ ނުކުރޭތޯ. ބަލާފައި ނެތިއްޔާ ދެން އަޅުގަނޑުމެން ޖެހޭނީ ކުރަން."

މުނައްވަރު ވިދާޅުވީ ކޮމިޝަންގެ އަމާޒަކީ އެއްވެސް ނުފޫޒެއް ނެތި ދެފުށް ފެންނަ ގޮތަށް ވީހާ ވެސް އަވަހަކަށް ތަހުގީގު ނިންމުން ކަމަށެވެ.

"މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް، ފުރިހަމައަށް ވަރަށް މިނިވަންކޮށް ގެންދެވޭނެ ކަމަށް،" އޭނަ ވިދާޅުވި އެވެ. "ދެން މިނިވަންކޮށް، އެނގޭތޯ މިކަން ނުގެންދެވޭ ކަމަށްވެއްޖެއްޔާ، އެއްވެސް ފަރާތެއްގެ ނުފޫޒަށް އެނގޭތޯ."

މުނައްވަރު ވިދާޅުވީ މީގެ ކުރިން ވެސް ރިޔާސީ ކޮމިޝަންތަކެއް އުފައްދައިގެން މަސައްކަތްތަކެއް ކުރި ކަމަށާއި އެކަމަކު އެ ކޮމިޝަންތަކުން ކުރި މަަސައްކަތުގެ ނަތީޖާ އާއި މި ކޮމިޝަނުން ކުރާ މަސައްކަތުން ތަފާތު ނަތީޖާއެއް ނެރެ، ރައްޔިތުންގެ އިތުބާރު ލިބޭ އޮތް މަސައްކަތެއް ކުރާނެ ކަމަށެވެ.

"އަޅުގަނޑަކަށް ނުކުރޭނެ ދަންނަވާކަށް މީގައި [މައްސަލައިގައި] ވާނީ މިހެންނޭ. އެހެންނަމަވެސް، އަޅުގަނޑުމެން މި ދަންނަވާ އެއްޗަކީ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ތަފާތުކޮށް ގެންދެވޭތޯ. މާނައަކީ ނަތީޖާއެއް ނެރެވޭތޯއޭ. ނަތީޖާއެއް ނެރުމަކީ މި މައްސަލައިގައި ރައްޔިތުން އެދޭ ފަދަ އިންސާފަކަށް ވާސިލުވުން." އޭނަ ވިދާޅުވި އެވެ.

ޔުމްނުގެ ހާދިސާ ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަންގައި ތިއްބަވަނީ ފަސް މެންބަރުންނެވެ.

* ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
* ބްރިގޭޑިއަ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު، ވ. އަލްމާން
* ޑރ. މޫސާ މުރާދު، ދަފްތަރު ނަންބަރު ރސ 641
* ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
* އާމިނަތު އީނާސް، ހ. ހަބަރުގެ

މި ކޮމިޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވީ މި މަހުގެ 26 ގަ އެވެ.