އަދާލަތު ޕާޓީ އުފެއްދުމުމުގައި އިސް ދައުރެއް އަދާކުރެއްވި ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވައިފި އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިހާރުގެ އިސްލާމިކް މިނިސްޓަރު މިއަދު ވިދާޅުވީ އަދާލަތު ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން ޚިދުމަތްކުރި އަދާލަތު ޕާޓީ އަށް އަލުން ވަނުމަށް ނިންމަވާފައިވާ ކަމަށެވެ.
އެހެންވެ މި އަހަރު ފަހުކޮޅު އެ ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި ވާދަ ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ޝަހީމު އަލުން އަދާލަތު ޕާޓީއާ ގުޅުވަޑައިގަންނަވަން ނިންމެވި އިރު، އޭނަ އާއި އެ ޕާޓީގެ ބައެެއް ބޭފުޅުންނާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި، އެއް ބަޔަކު އަނެއް ބަޔަކަށް ކުރިން ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފައިވެ އެވެ. އަދާލަތުމް ވަކިވެވަޑައިގަތުމަށް ފަހު ޝަހީމް ކުރީގެ ޕީޕީއެމާ ވެސް ގުޅިވަޑައިތެވެ. އަދި 2018 ގެ ރިޔާސީ އިންތިހާގުގައި ޕީީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި އެ އަހަރުގެ އިންތިހާބަށް ނުކުންނެވި އެވެ.
ދެހާސް ތޭވީހުގައި ބޭއްވި ރިޔާސީ އިންތިހާބަށް ފަހު އަދާލަތުގެ އަޑު ވަނީ ވަރަށް ބޮޑަށް ކެނޑިގެން ގޮސްފަ އެވެ. އަދި އެ އިންތިހާބަށް ފަހު، ޕާޓީގެ ރައީސްގެ މަގާމުގައު ހުންނެވި އިމްރާން އަބްދުﷲ ވަނީ ރާއްޖެ ދޫކުކުރައްވައި ތައިލޭންޑަށް ދިރިއުޅޫން ބަދަލު ކުރައްވައިފަ އެވެ.
އަދާލަތު ޕާޓީ އަކީ މިދިޔަ ސަރުކާރުގައި އެމްޑީޕީގެ ކޯލިޝަން ބައިވެރިއެކެވެ. އަދި އެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވީ އިމްރާނެވެ.