އިހު ޒަމާނުގައި ވަރަށް ދުރު ރަށެއްގައި މުސްކުޅި ފިރިހެނަކާއި އޭނާގެ ތިން ދަރިން ދިރިއުޅެމުން ދިޔަ އެވެ. މުސްކުޅި މީހާ ވަރަށް ބޮޑަށް ބަލިވި އެވެ. ބަލިބޮޑުވެ ރިހުންތައް ބޮޑުވި އެވެ. ދަރިން އޭނާ ބެލުމަށް އިންކާރުކުރި އެވެ. އެހެން ނަމަވެސް އެއީ އެންމެ ހަނގު ދަރިފުޅު ފިޔަވައެވެ. ހަނގު ދަރިފުޅު ބޭނުންވީ މުސްކުޅި ބައްޕާ ގެންގޮސްގެން އެ ދެމަފިރިން ބައްޕަ ބެލުމަށެވެ. އެއީ ޅަފަތުގައި އޭނާ ބަލައި ބޮޑު ކުރި ފަދައިންނެވެ.
ވާރުތަ މުދަލުގެ ދަހިވެތިކަމުން އޭނާގެ އަޚުން އެކަމާ ދެކޮޅު ހެދިއެވެ. ބައްޕާ ހުރިހާ މުދަލެއް އޭނާގެ އެ ދަރިފުޅަށް ދިނުމަށް ލިޔުނެވެ. ދޮށީ ދަރިންނަށް އެއްވެސް މުދަލެއް ނުލިބޭ ގޮތަށެވެ. މުސްކުޅި މީހާގެ އަޖަލު ކައިރިވެ ޢުމުރުން ދުވަސްވެ ބަލިބޮޑުވެގެން ދިޔަ އެވެ. ހަގު ކުއްޖާ އޭނާގެ ދޮށީ ބޭބެއިންނަށްޓަކައި ހުރިހާ މުދަލެއް ދޫކޮށްލަން ހުށަހެޅި އެވެ. އޭނަ ބޭނުން ވަނީ ހަމައެކަނި ބައްޕައަށް އަޅާލާ ބެލެހެއްޓުން ކަމުގައި ބުންޏެވެ. ދޮށީ ބޭބެ އިން ހަގު ކޮއްކޮގެ މި ހުށަހެޅުމާ އެއްބަސްވި އެވެ.
ހަގު ކުއްޖާ އޭނާގެ ބައްޕާ ގެޔަށް ގެންގޮސްގެން މަރު ދުވަހާ ހަމަޔަށް ވަރަށް އޯގާތެރިކާ އެކު، ބެލެހެއްޓި އެވެ. ދުވަސްތައް ފާއިތުވެގެން ދިޔަ ދިޔަހެން އޭނާގެ ފަޤީރުކަން ބޮޑުވަމުން ދިޔަ އެވެ. ބައްޕަގެ މުދަލުން ދޮށީ އަޚުން އޭނާ އަށް އެންމެ ފައިސާ ފޮއްޗެއްގެ މިންވަރު ވެސް ދިއްކޮށެއް ނުލައެވެ. ބައްޕަ ބެހެލެއްޓުމަށް ގެއަށް ގެންދާން އެއްބަސްވާ މަތިން އަމިއްލަ އިޚްތިޔާރުގައި ބޭބެ އިންނަށް ހުރިހާ މުދަލެއް ދިނެވެ.
އެރޭ އޭނާ އާއި ކުދި ދަރިން ކާނެ އެއްވެސް އެއްޗެއް އެގޭގައި ނެތެވެ. ވަރަށް ބޮޑަށް ހިތާ ކުރާ ޙާލު އޭނާ އެރޭ ނިދިއެވެ. އަދި ހުވަފެނުގައި ބައްޕަ ފެނުނެވެ. ބައްޕަ އޭނާ އާއި މުޚާޠަބުކޮށް ބުންޏެވެ. ދަރިފުޅަށްޓަކައި މިވެނި ތަނެއްގައި ބައްޕަ ޚަޒާނާ ފޮރުވާފައި ހުންނާނެއެވެ. ދަރިފުޅާއެވެ! ގޮސް އެޚަޒާނާ ނަގާށެވެ!
ހަގު ކުއްޖާ ހެނދުނު ހޭލައިގެން ބައްޕަ ބުނިތަނަށް ދިޔަ އެވެ. އަދި ބައްޕަ ބުނި ފޮށި ނަގައިގެން ހުޅުވައި ބެލިއިރު ވަރަށް ގިނަ ވައްތަރު ވައްތަރުގެ ޖަވާހިރާއި، މުދަލާއި ވަރަށް ގިނަ ރަން އެ ފޮށީގައި ހުއްޓެވެ. އެކަމަށްޓަކައި އޭނާ ވަރަށް ބޮޑަށް އުފާކުރި އެވެ. އަދި އޭނާގެ އަޚުންގެ ގާތަށް ގޮސް އެ މީހުންނަށް އެވާހަކަ ކިޔައި ދިނެވެ. އެމީހުން އޭނާގެ މޫނުމަތީގައި ހަޅޭލަވައިގަތެވެ. އަދި ބުނަމުން ދިޔަ އެވެ. ކަލޭ ވަނީ ބައްޕަގެ މުދަލުން އެއްވެސް އެއްޗެއް ބޭނުން ނޫން ކަމުގައި ބުނެފަ އެވެ. އެހެން ކަމުން ތިޔައި އަހަރެމެންގެ ޙައްޤެކެވެ. މިހެން ބުނެ އެ ހުރިހާ އެ މުދަލެއް އޭނާގެ އަތުން އަތުލިއެވެ.
އަނެއް ދުވަހުގެ ރޭ އެކުއްޖާ އަށް ހަމަ އެހުވަފެން ފެނުނެވެ. ބައްޕާ އޭނާގެ ގާތުގައި އެހެން ތަނެއްގައި ހުރި ރަން ފޮއްޓެއްގެ ވާހަކަ ބުންޏެވެ. އޭނާ އޭނާގެ އަޚުންގެ ގާތަށް ގޮސް އެ ރަން ފޮށީގެ ވާހަކަ ބުންޏެވެ. އެ މީހުން އެ ރަން ފޮށިވެސް އޭނާގެ އަތުން އަތުލި އެވެ. އެއްވެސް އެއްޗެއް އޭނައަކަށް ނުދިނެވެ. އޭނަ ވަރަށް ހިތާމަކުރާ ޙާލު ގެޔަށް ދިޔަ އެވެ. ދަރިންނަށް ކާން ދެވޭނެ މިންވަރު ވެސް އޭނާގެ އަތުގައި ނެތެވެ.
އެރޭ އަނެއްކާ ހުވަފެނުގައި ބައްޕަ ފެނުނެވެ. ހުވަފެނުގައި ބައްޕަ ބުނީ ދަނޑުގައި ފެން އެޅުމަށްޓަކައި ބަހައްޓާފައިވާ ރުބައެއްގައި ދެ ދީނާރު އޮންނާނެ ކަމުގައެވެ. ހަނގު މީހާ އޭނާގެ އަޚުންގެ ގާތަށް ގޮސް އެވާހަކަ ބުންޏެވެ. އޭނާއަށް މަލާމަތް ކުރަމުން އެ މީހުން ބުންޏެވެ. އޭ މިހިރަ މޮޔަޔާ އެވެ. އެއީ ބައްޕަގެ ވާރުތަ މުދަލުން ކަލެއަށް ދޫކޮށްފައިވަ ދިޔަ މިންވަރެވެ.
އެ ދެ ދީނާރުގެ ބޭނުން އޭނާއަށް ޖެހިފައިވާލެއް ބޮޑުކަމުން، ހަގު ކުއްޖާ ދަނޑަށް ގޮސް އެ ދެ ދީނާރު އޮތް ތަނުން ނެގި އެވެ. ދެ ދީނާރު ނަގައިގެން ގެޔަށް އައި މަގުމަތީ މުސްކުޅި އަކު އޭނާ ބާނައިގެންގެނައި ދެމަސް ވިއްކަން ވެގެން އުޅޭ މަންޒަރު ފެނުނެވެ. އެ ކުއްޖާއާ މުޚާޠަބުކޮށް އެމީހާ ބުންޏެވެ. އަހަރެންނަށް ދީނާރެއް ދީފައި މި ދެ މަސް ގެންދާށެވެ. އެ ކަމަނާ ޒުވާނާ ވަރަށް ބޮޑަށް އުފާކުރި އެވެ.
އަންހެނުންގެ ގާތަށް ޒުވާނާ ދިޔައެވެ. އޭރު އޭނާ ހުރީ ވަރަށް އުފަލުންނެވެ. އެއީ ދަރިންނަށް ކާން ދޭނެ އެއްޗެއް ލިބުނީތީ އެވެ. އޭނާ މާތް ﷲ އަށް ޙަމްދު ކުރިއެވެ. އަދި އޭނާއަށް ދެ ދީނާރު ދޫކޮށްފައި ދިޔައީތީ ބައްޕަށް އަށްވެސް ހެޔޮ ދުޢާކުރި އެވެ. އޭނާގެ އަންހެނުން އެތަނު މަހެއްގެ ބަނޑު ފަޅައިލި އިރު އެމަހުގެ ބަނޑުތެރޭގައި ވަރަށް ބޮޑު ޖާހިރެއް އޮތެވެ. އަދި ދެވަނަ މަހުގެ ބަނޑު ފަޅައިލިއުރު ވެސް އެފަދަ ބޮޑު ޖަވާހިރެއް އޮތެވެ. އެއީ ވަރަށް އަގުބޮޑު އެހާމެ ނާދިރު ޖަވާހިރެކެވެ. މީސްތަކުން އަބަދު ވެސް އެ ވައްތަރުގެ ޖަވާހިރާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދެ އެވެ.
ރަސްގެފާނަށް އެ ދެ ޖަވާހިރުގެ ޚަބަރު ލިބިވަޑައިގަތެވެ. ރަސްގެފާނަކީ އަގުބޮޑު ވައްތަރު ވައްތަރުގެ ޖަވާހިރުތައް އެއްކުރައްވާ ބޭފުޅެކެވެ. އެހެންކަމުން އެކުއްޖާއަށް ވަރަށް ގިނަ ފައިސާ ދެއްވުމަށް ފަހު ރަސްގެފާނު އެ ދެ ޖަވާހިރު ބައްލަވައިގަތެވެ. އެ ޒުވާނަ އޭނާގެ ބައްޕާ ގެ ފަރާތުން ލިބު ދެ ދީނާރަށްޓަކައި ހެޔޮ ދުޢާ ކުރަމުން ދިޔަ އެވެ.
ޙަޤީޤަތުގައި ވެސް އިޙްސާންތެރިކަމުގެ ޖަޒާއަކީ އިޙްސާންތެރިކަމެވެ. ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާނކޮ އަޅަމެންގެ މައިންބަފައިންގެ ފާފަ ފުއްސަވައި ސުވަރުގެ މިންވަރު ކޮށްދެއްވާނދޭވެ! އަދި އަޅަމެންނަކީ މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރާ ބަޔަކު ކަމުގައި ލައްވާނދޭވެ! (އާމީން)
ނޯޓް: މިއީ ޝައިހް މޫސާ އަންވަރުގެ ހަސަންގެ ލިޔުމެކެވެ.