Last Updated: April 30, 21:06
Wednesday, April 30, 2025
މުނިފޫހިފިލުވުން

ޕަލަކްގެ 2 ފިލްމެއް އަންނަ މަހު

ޒުވާން ބަތަލާ ޕަލަކް ތިވާރީ މުހިއްމު ރޯލެއް ކުޅެފައިވާ ހޮރޯ-ކޮމެޑީ "ދަ ބޫތުނީ" މާދަމާ ސިނަމާތަކަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ އިރު، އޭނަގެ އިތުރު ފިލްމެއް އަންނަ މަހު ރިލީޒްކުރާނެކަން މިއަދު އިއުލާންކޮށްފި އެވެ.

އަންނަ މަހުގެ 16 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ އެ އެކްޝަން ތުރިލާ އަކޫ "ރޯމިއޯ އެސް 3" އެވެ. ޕަލަކްއާ އެކު މި ފިލްމުގެ ބަތަލުގެ ރޯލު ކުޅެފައި ވަނީ ތާކޫރް އަނޫޕް ސިންގް އެވެ.

"ރޯމިއޯ އެސް 3" ގެ ޑައިރެކްޓަރަކީ "ގުންޑާރާޖް" އާއި "ޒިއްދީ" އާއި "އަފްލާތޫން" އާއި "ބިއްޗޫ" ގެ އިތުރުން "23 މާޗް 1931: ޝަހީދު" ފަދަ ފިލްމުތައް ގެނެސްދިން ގުއްޑޫ ދަނޯއާ އެވެ.

އަރަމުން އަންނަ ބަތަލާ، ޕަލަކް އަކީ ސްޓާ ޕްލަސްގެ ކުރީގެ މަޝްހޫރު ސިލްސިލާ "ކަސޯޓީ ޒިންގަދީ ކީ" ގައި ޕްރޭނާގެ ރޯލު ކުޅުނު ޝްވޭތާ ތިވާރީގެ ދަރިއެކެވެ. އޭނަގެ ފުރަތަމަ ފިލްމަކީ ސަލްމާން ޚާންގެ 2023 ގެ "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އެވެ.

އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހިމް އަލީ ޚާން (އިގީ) އާ ރައްޓެހިވެގެން އުޅޭ ކަމަށް އަޑުއަރާފައިވާ ޕަލަކް، 25، ގެ "ދަ ބޫތުނީ" މާދަމާ ރިލީޒްކުރާ އިރު، އެ ފިލްމުގެ ކާސްޓްގައި ސަންޖޭ ދަތާއި މޯނީ ރޯއި އަދި ސަނީ ސިންގް ފަދަ ތަރިން ހިމެނެ އެވެ.