Last Updated: April 30, 23:11
Wednesday, April 30, 2025
ޚަބަރު

ފަލަސްތީނު މައްސަލައިގައި ރާއްޖޭން މާދަމާ ބަޔާން ދެނީ

ފަލަސްޠީނު މައްސަލައިގައި އައިސީޖޭގައި ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް މާދަމާ ބަޔާން ދެއްވުމަށް ހަމަޖެހިފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އުޝާމް ބަޔާން ދެއްވުމަށް ހަމަޖެހިފައިވަނީ އިސްރާއީލުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ފަލަސްޠީނުގެ ބިންތަކުގައ،ި އދ އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އެހެން ޤައުމުތަކުން ތިބުމާއި އެބިންތަކުގައި އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައި ކަމަށެވެ.

މި މައްސަލައަކީ ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ފަލަސްތީނުގެ އާއްމު ރައްޔިތުންނަށް ދެމުންގެންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އދ ގެ ޖަމިއްޔާ ޔޫއެންޑީއާރުޑަބްލިއުއޭ ގެ މަސައްކަތްތައް ހުއްޓުވާލުމަށްޓަކައި އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުން ނިންމުމާއި، ޢައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އިސްރާއީލުން ހަމަލާތައް ދެމުންދާތީވެ، އެޤައުމުން އުފުލަންޖެހޭ ޒިއްމާތަކާ ގުޅޭގޮތުން އައިސީޖޭއަށް އިޝްތިސާރީ ލަފައަކަށް އެދިހުށަހެޅުމަށް އދ ގެ އާންމު މަޖިލީހުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 19 ވަނަ ދުވަހު ފާސްކުރުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ މިދިޔަ އަހަރުގެ ފެބުރުއަރީމަހު ވަނީ ލިޔުމުން ބަޔާނެއް ހުށަހަޅާފަ އެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ ޖަރީމާތަކާ ގުޅިގެން އައިސީޖޭ އަށް އިޒްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގެ ތެރެއަށްވެސް ރާއްޖެއިން ވަނީ ތަދައްޚުލްވާން ނިންމާފަ އެވެ. މި މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަދެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގަ އެވެ.