ހދ. ނެއްލައިދޫ ރައްޔިތުންނަށް އިގްތިސާދީ ނަފާ ހޯދޭނެ މަގުފަހިކުރުމަށް އެ އަތޮޅު ހިރިނައިދޫ އަކީ ނެއްލައިދޫގެ ބައެއް ކަމުގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނު މިގޮތަށް ކަނޑައެޅުއްވީ މިއަދު ނެރުއްވި ނަންބަރު، 13/2025 ޤަރާރުން ކަމަށެވެ.
މިއަދު ނެރުއްވި ގަރާރުގައި ހދ. ހިރިނައިދޫގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތާއި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ހިރިނައިދޫ، ނެއްލައިދޫގެ ބައެއްގެ ގޮތުގައި ވަނީ އިތުރުކޮށްފަ އެވެ.
ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ހިރިނައިދޫ ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ޢިއުލާންކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.