ސަރުކާރުން ވަކިވުމަށްފަހު އަދާލަތު ޕާޓީގެ ލީޑަޝިޕަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާދަ ކުރައްވާ ނަމަ މަރުހަބާ ދަންނަވާނެ ކަމަށް އެ ޕާޓީގެ މިހާރުގެ ރައީސް، އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.
އެކްސްގައި އިމްރާން މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ލީޑަޝިޕަށް ވާދަކުރައްވަން ޝަހީމް ނިންމަވާފައި ވަނީ ކެބިނެޓުން ވަކިވުމަށްފަހު ކަމަށް ވާނަމަ އެކަމަށް އުފަލާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.
"ރައީސް މުއިއްޒުގެ ދޯހަޅިކަމާހުރެ ގައުމު ވެއްޓިފައި މިއޮތް ހާލަތުން ސަލާމަތް ކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓު ދޫކުރައްވައި ހާލިސްކަމާއެކު އަދާލަތު ޕާޓީގެ ލީޑަޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާއެކު މަރުޙަބާ ދަންނަވަން،" އިމްރާން ވިދާޅުވި އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި ޝަހީމް މިއަދު ވިދާޅުވީ އަދާލަތު ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން ޚިދުމަތްކުރި އަދާލަތު ޕާޓީ އަށް އަލުން ވަނުމަށް ނިންމަވާފައިވާ ކަމަށެވެ.
އެހެންވެ މި އަހަރު ފަހުކޮޅު އެ ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި ވާދަ ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ޝަހީމު އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމެވި އިރު، އޭނަ އާއި އެ ޕާޓީގެ ބައެެއް ބޭފުޅުންނާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި، އެއް ބަޔަކު އަނެއް ބަޔަކަށް ކުރިން ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފައިވެ އެވެ. އަދާލަތުން ވަކިވެވަޑައިގަތުމަށް ފަހު ޝަހީމް ޕީޕީއެމާ ވެސް ގުޅިވަޑައިތެވެ. އަދި 2018 ގެ ރިޔާސީ އިންތިހާގުގައި ޕީީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި އެ އަހަރުގެ އިންތިހާބަށް ނުކުންނެވި އެވެ.
ދެހާސް ތޭވީހުގައި ބޭއްވި ރިޔާސީ އިންތިހާބަށް ފަހު އަދާލަތުގެ އަޑު ވަނީ ވަރަށް ބޮޑަށް ކެނޑިގެން ގޮސްފަ އެވެ. އަދި އެ އިންތިހާބަށް ފަހު، ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އިމްރާން ވަނީ ރާއްޖެ ދޫކުރައްވައި ތައިލޭންޑަށް ދިރިއުޅުން ބަދަލު ކުރައްވައިފަ އެވެ.