ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަމިލާން ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެއްޖެ އެވެ.
ބާސާގެ ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗުގެ ފެށިގެން 30 ސިކުންތު ތެރޭ އިންޓަގެ މާކަސް ތުރާމް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 21 ވަނަ މިނެޓްގައި ޑެންޒެލް ޑަމްފްރީސްގެ ގޯލުން އިންޓަ އިން ވަނީ ލީޑު ފުޅާކޮށްފަ އެވެ.
ނަމަވެސް މެޗުގެ 24 ވަނަ މިނެޓްގައި ލަމީން ޔަމާލް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ބާސާއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. އުމުރުން 17 އަހަރުގެ ޔަމާލް މި ގޯލު ކާމިޔާބުކުރީ އިންޓަގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. މިއީ އޭނާ ބާސާއަށް ކުޅެދިން 100 ވަނަ މެޗެވެ.
މެޗުގެ 38 ވަނަ މިނެޓްގައި ފެރަން ޓޮރޭސްގެ ގޯލުން ބާސާއިން ނަތީޖާ އެއްވަރުކުރިއިރު، މެޗުގެ 63 ވަނަ މިނެޓްގައި ޑަމްފްރީސް ވަނީ އަލުން އިންޓައަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް އޭގެ ދެ މިނެޓް ފަހުން ބާސާއިން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ އިންޓަގެ ކީޕަރު ޔާން ސޮމާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މެޗުގެ ފަހު 20 މިނެޓްތެރޭ ލީޑު ނަގަން ދެ ޓީމުން ވެސް މަސައްކަތް ކުރި އެވެ. އެގޮތުން އިންޓަގެ ހެންރިކް މިކިތާރިޔަން އެޓީމަށް ހަތަރުވަނަ ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް އެ ގޯލު ކާމިޔާބުކުރިއިރު އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުން ރެފްރީ ވަނީ އެ ގޯލު ކެންސަލްކޮށްފަ އެވެ.
އިންޓަގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.