Last Updated: May 3, 06:15
Saturday, May 3, 2025
ޚަބަރު

އަދާލަތާ އަލުން ގުޅެނީ ޝާމިލު ތަސައްވުރަކާ އެކު

އަދާލަތު ޕާޓީ އަށް އަލުން ވަންނަން ނިންމެވީ ފުރިހަމަ ޝާމިލް ތަޞައްވުރަކާ އެކީގައި ކަމަށް އެ ޕާޓީ އެއް މުއައްސަސިސް ކަމަށްވާ މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އެ ޕާޓީއާ އަލުން ގުޅެން ނިންމެވިކަން އޭނަ އިއުލާންކުރެއްވީ އިއްޔެ އެވެ. އެގޮތުން މި އަހަރުގެ ފަހުކޮޅު އަދާލަތުގެ އާ ރައީސް ހޮވުމަށް ބާއްވާ އިންތިހާބުގައި ވެސް ވާދަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޝަހީމުގެ އެ ނިންމެވުމާ ގުޅޭ ގޮތުން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ދިގު ޕޯސްޓެއްގައި ވިދާޅުވީ ޕާޓީ އަށް އަލުން ވަނުމަށް އިޢުލާންކުރުމާއެކު، ޕާޓީގެ ވަރަށް ގިނަ ބޭފުޅުން އެކަމަށް މަރުޙަބާ ކިޔުއްވައި ތަޞައްވުރަކީ ކޮބައިތޯ އަހައި ގުޅުއްވައި މެސެޖް ކުރަމުން އަންނަ ކަމަށެވެ.

"އަދާލަތު ޕާޓީއަށް ދިއުމަށް އަޅުގަނޑު ނިންމާފައިވަނީ ފުރިހަމަ ޝާމިލް ތަޞައްވުރަކާއެކުގަ. އިންޝާ ﷲ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރާނަން. މެންބަރުން ޕާޓީގެ ރައީސްކަމަށް އަޅުގަނޑު އިންތިޚާބުކޮށްފި ނަމަ ޕާޓީ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރާނަން،" ޝަހީމު ވިދާޅުވި އެވެ. "އެންމެ ފުރަތަމަ ކުރާނެ އެއް ކަމަކީ ޕާޓީގެ ސަފުތައް އަލުން އިޢާދަކުރުން. ޕާޓީގެ އެއްބައިވަންތަކަން ޤާއިމު ކުރުން. ޕާޓީ އުފެއްދުމަށް މަސައްކަތްކުރެއްވި ބޭފުޅުންނާއި އިލްމުވެރިން ޕާޓީގެ ހިޔާވަހިކަމުގެ ތެރެއަށް ގެނައުން."

އަދި ދެވަނަ ކަމަކަށް އިސްކަންދޭނީ "އޭޕީގެ ޑިވެލޮޕްމަންޓް ފަންޑް" ގެ ނަމުގައި މެންބަރުން ޝާމިލުވާނެހެން ޕާޓީގެ ފަންޑެއް ޤާއިމުކޮށް ޕާޓީގެ އަމިއްލަ ފުދުންތެރިކަން ޤާއިމުކުރަށް މަސައްކަތްކުރުން ކަމަށް ވިދާޅުވި އެވެ.

"މީގެ މަޤުޞަދަކީ، މެމްބަރުން ބިނާކުރުމާއި މެންބަރުން އިތުރު ކުރުމާއި މެމްބަރުންނަށް ޒަމާނީ މަތީ ތައުލީމު ދިނުމާއި ޚާއްޞަ ޙާލަތްތަކުގައި އެހީވުމާއި އިންތިޚާބުތަކުގައި ޚަރަދަށް ބޭނުންވާ ފައިސާ ޙަލާލުގޮތުގައި ހޯދުން،' ޝަހީމު ވިދާޅުވި އެވެ. "އަދި މިފަންޑު ފުޅާ ކުރުމަށް އިންވެސްޓްކުރެވޭނެ ނިޒާމެއް ޤާއިމުކުރާނަން. މިފަންޑު ބަލަހައްޓަން މެންބަރުންގެ ތެރެއިން ބޯޑް އޮފް ޓްރަސްޓީސް އެއް އުފައްދާނަން."

އޭނަ ވިދާޅުވީ އެ ފަންޑުގެ ސީއީއޯއަކަށް ހަމަޖައްސާނީ އިސްލާމީ އިޤުތިޞާދު ކިޔަވައިފައި ހުރި ތަޖުރިބާކާރު ޕާޓީގެ މެންބަރެއް. ކަމަށާއި ފަންޑު ޤާއިމުކުރާނީ މެންބަރުންގެ ކޮންޓްރިބިއުޝަނާއި ފަހުން އަދާކުރާ ގޮތަށް އިސްލާމީ އުޞޫލުން ހޯދާ ލޯނުން ކަމަށެވެ.

"އަދި އޮލްމުވެރިންގެ މަޖްލިސްގެ ދައުރު ފުޅާކޮށް އަދާލަތު އެކަމަކަށްޓަކައި ޤާއިމުވި އަސާސްތައް ރާއްޖޭގައި ދަމަހައްޓަން އިސްލާމީ ރިސާލަތު ނަގަހައްޓައި ފެތުރުން ވަރުގަ ކޮށް ފުޅާ ކުރާނަން،" ޝަހީމު ވިދާޅުވި އެވެ. "އިސްލާމީ މަކާރިމުލްއަޚްލާޤުގެ އިމުގެ ތެރެއިން ޒުވާނުންނާއި އަންހެނުންގެ ދައުރު ޕާޓީގައި ފުޅާ ކުރާނަން. ބައިނަލްއަޤުވާމީ ޖަމާޢަތްތަކާއި އަވަށްޓެރި ޤައުމުތަކާ ރަނގަޅު ގުޅުމެއް ޤާއިމުކުރާނަން."

މީގެ އިތުރުން ޕާޓީ އަށް އަލުން ވަޑައިގެން ފަލަޞްޠީނުގެ މައްސަލައަށް ޕާޓީގެ ޚާއްޞަ މަންދޫބެއް ޢައްޔަންކޮށް އިސްލާމީ ދުނިޔެއާ ގުޅުންތައް ބަދަހިކޮށް އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާނީ ހަރުދަނާ ޕާޓީއަކަށް އަދާލަތު ޕާޓީ ހަދާނެ ކަމަށް ޝަހީމު ވިދާޅުވި އެވެ.

"އިންތިޚާބުތަކުގައި ވަކި މީހަކަށް ތާއިދުކުރުމަށް ޕާޓީއަށް މަޖްބޫރެއް ނުކުރާނަން. ޕާޓީގެ ކަންކަން ނިންމާނީ ދިމުޤްރާޠީ އުޞޫލުން މަޝްވަރާގެ ތެރެއިން. ޚިޔާލު ތަފާތުވުމަށް ޖާގަ ދޭނަން. އަޅުގަނޑުގެ ދައުރު ނިމޭ އިރު ޕާޓީގެ ޒަޢާމަތަށް އަންނާނެ މީހުން ތައްޔާރުކުރާނަން،" އޭނަ ވިދާޅުވި އެވެ. "ޕާޓީގެ ދާއިމީ މަރުކަޒީ އޮފީހެއް ޤާއިމު ކުރާނަން. މި ނޫން ވެސް މުހިންމު ގިނަ ކަންކަން ޕާޓީ ކުރިއަރުވަން ކުރާނަން."