Last Updated: May 1, 13:46
Thursday, May 1, 2025
ޚަބަރު

'ހިޔާވަހި' ލޯނަށް އަލުން މުއްދަތު އިތުރުކޮށްފި

ބޯހިޔާވަހިކަމަށް ދޫކުރާ 'ހިޔާވެހި' ލޯނަށް އެދުމުގެ ފުރުސަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އަލުން މުއްދަތު އިތުރު ކުރީ ވަރަށް ގިނަ ބަޔަކު އެކަމަށް އެދެމުން ދިއުމާ ގުޅިގެން ކަމަށެވެ.

އެހެންވެ ލޯނަށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރު ވަނީ މި މަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ. "ހިޔާވަހި" ލޯން ސްކީމަށް އެންމެ ފަހުން މުއްދަތު އިތުކުރީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އޭރު ދިން މުއްދަތު ހަމަވީ މިދިޔަ މަހުގެ 29 އަށެވެ.

ލޯނަށް އެދި ހުށަހަޅަން ޖެހެނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.

'ހިޔާވެހި' ލޯނަކީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ދޫކުރާ ލޯނެކެވެ.

ލޯނު ދޭނީ ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނުކުރުމަށް ފަހު އެވެ، އަދި ލޯނުގެ އިންޓަރެސްޓަކީ 5 ޕަސެންޓެވެ. ލޯނު އަނބުރާ ދައްކަން ގިނަވެގެން 25 އަހަރު (މުއްދަތު ކަނޑައަޅާނީ ލޯނަށް އެދޭ ފަރާތުގެ އުމުރަށް ބެލުމަށް ފަހު ލޯނު ދޫކުރާ ބޭންކުން) ދޭނެ އެވެ. އަދި ލޯނުގެ ގްރޭސް ޕީރިއަޑަކީ ގިނަވެގެން 18 މަހެވެ.

އަލަށް ގެ އަޅަން އަދި އިމާރާތް ކުރަން ފަށާފައި ހުންނަ ގެދޮރު ނިންމުމަށް ވެސް "ހިޔަވާހި" ސްކީމްގެ ދަށުން ލޯނު ދޭނެ އެވެ. އަދި އެޑްވާންސްގެ ގޮތުގައި ގިނަވެގެން ދޫކުރާނީ ލޯނިގެ 15 ޕަސެންވެ. އިތުރަށް ފައިސާ ލިބޭނީ މަސައްކަތް ކުރިއަށްދާ މިންވަރަށް ބެލުމަށް ފަހު އެވެ.

ހިޔާވެހި ލޯނުތައް ދޫކުރާ ފަރާތްތައް ކަނޑައަޅާނީ ލޯނަށް އެދޭ މީހުންގެ 'ފައިނޭންޝަލް ސްކްރީނިން' އަކަށް ފަހު ލޯނު އަނބުރާ ދެއްކޭ މީހެއްތޯ ބަލައި ކަށަވަރު ކުރުމަށް ފަހު އެވެ.

ލޯނު ދޫކުރާ ކެޓަގަރީތަކަކީ:

* ހިޔާވެހި ފައިނޭންސިން ރަށްވެހި: އަތޮޅުތަކުގައި ގެދޮރު އަޅަން 1 މިލިއަން ރުފިޔާއާ ހަމައަށް އިކުއިޓީ ބަހައްޓާކަށް ނުޖެހޭނެ)
* ހިޔާވެހި ފައިނޭންސިން ސަހަރު: އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގެދޮރު އަޅަން 3 މިލިއަން ރުފިޔާއާ ހަމައަށް 5-10 ޕަސެންޓާ ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)
* ހިޔާވެހި ފައިނޭންސިން: ފަހިމާލެ މާލެ ސަރަހައްދުގައި ގެދޮރު އަޅަން 6 މިލިއަން ރުފިޔާއާ ހަމައަށް 5-10 ޕަސެންޓާ ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)

މި ސްކީމުގެ ދަށުން ލޯނު ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އިތުރުން އެޗްޑީއެފްސީންނެވެ. އެގޮތުން ރަށްވެހި ސްކީމުގައި ލޯނު ދޫކުރާނީ އެޗްޑީއެފްސީންނެވެ. އަދި ސަހަރާއި ފަހިމާލެ ސްކީމަށް ލޯނު ދޫކުރާނީ ބީއެމްއެލް އާއި އެމްއައިބީންނެވެ.

ލޯނުގެ އާންމު ޝަރުތުތަކީ އުމުރުން 18 އަހަރުވެފައިވުމާއި ލޯނަށް އެދޭ މީހާގެ ނަމުގައި ބިމެއް ނުވަތަ ބިންތަކެއް ރަޖިސްޓްރީކޮށްފައި އޮތުމެވެ.