ކާރު އުފައްދާ އެމެރިކާގެ މަޝްހޫރު ކުންފުނި، ޓެސްލާ އަށް ސީއީއޯއަކު ހޯދަން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ ކުންފުނީގެ ބޯޑުން އާ ސީއީއޯއަކު ހޯދަނީ އެ މަގާމުގައި މިހާތަނަށް ހުންނެވި، ކުންފުނީފެ ވެރިޔާ އަދި މަހުޖަނު އީލޮން މަސްކްގެ ބަދަލުގައި ކަމަށެވެ. އޭނަގެ ބަދަލުގައި އާ ސީއީއޯއެއް ހޯދަން ބޯޑުން ނިންމީ، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުގައި އީލޮން މުހިއްމު ދައުރެއް އަދާކުރަމުން އަންނާތީ، އޭނަ އަށް ކުރިމަތިވެފައި އޮތް ވަގުތުގެ ދަތިކަމާ ހެދި އެވެ.
އީލޮން އަންނަނީ ޓްރަމްޕް ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ގަވަރަމަންޓް އެފިޝަން (ޑޮޖް) ގައި އިސްކޮށް މަސައްކަތް ކުރަމުން ކަމަށް މީޑިއާތަކުން ބުނެ އެވެ.
ޓެސްލާ މަޝްހޫރުވެފައި ވަނީ އިލެކްޓިކް ވެހިކަލް (އީވީ) އުފެއްދުމަށް އެންމެ މަޝްހޫރު ކުންފުނީގެ ގޮތުގަ އެވެ. ނަމަވެސް މިހާރު އީވީ އުފައްދާ ކުންފުނިތައް އިތުރުވެ، ވާދަވެރިކަން ވެސް ވަރަށް ބޮޑުވެފައިވާތީ ޓެސްލާގެ ވިޔަފާރި ވަރުގަދަ ކުރުމަށްޓަކައި ކުންފުންޏަށް މަގުދައްކައި ދޭނެ "ފުލްޓައިމް" ސީއީއޯއެއްގެ މުހިއްމުކަން ބޮޑު ކަމަށް މީޑިއާތަކުން ބުނެ އެވެ.
މީގެ 21 އަހަރު ކުރިން ވުޖޫދަށް އައި ޓެސްލާ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެ ކުންފުނީގެ އަގު ޓްރިލިއަން ޑޮލަރަށް އަރަ އެވެ.