ރާއްޖޭގެ މުސްތަޤްބަލު ބިނާކުރުމުގައި އަންހެނުންގެ ހިއްސާ ވަރަށް ބޮޑު ކަމަށް ލޯކަލް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އަންހެނުންގެ ކޮމިޓީތަކަށް ހާއްސަކޮށްގެން ތިން ދުވަހަށް ކުރިއަށް ގެންދިޔަ "އަންހެންވެރިންގެ ސައްލާ" ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ކޮންމެ ކަމަކަށް ބެލިޔަސް ރާއްޖޭގައި އެންމެ ކުރިގައި އުޅެނީ އަންހެނުންކަން އެއީ ކޮންމެ ބަޔަކު ބެސް މިއަދު ގަބޫލުޅުކުރާ ހަގީގަތެއް ކަމަށެވެ. އެހެންވެ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށްޓަކައި އަންހެނުންގެ ދައުރު ކިހާ މުހިއްމިކަމާއި ކިހާ ބޮޑުކަން ހާމަކޮށްދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަންހެނުންގެ ކޮމިޓީތަކުގެ ސައްލާތައް ގިނަގިނައިން ބޭއްވުމަކީ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަރުވައި ދެމެހެއްޓުމުގައި ވެސް ވަރަށް މަތިވެރި ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމެކެވެ. އަދި މި ފަހަރުގެ ބައްދަލުވުމުން ގިނަ ކަންތައްތަކެއް އެނގިގެން ގޮސްފައިވާ ކަމަށް ސައްލާގެ ބައިވެރިން ޤަބޫލުކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ނިންމައިލި "އަންހެންވެރިންގެ ސައްލާ" އަކީ މިނިސްޓްރީ ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމި ސައްލާތަކު ފުރަތަމަ ވަނަ ބުރެވެ. މި ބުރު ހާއްސަކުރީ ކ، އއ، އދ، ވ، މ އަތޮޅުގެ ރަށްތަކާއި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށެވެ. އެގޮތުން 59 ބޭފުޅަކު ސައްލާގައި ބައިވެރިވި އެވެ.
މިނިސްޓްރީން ބުނީ "އަންހެންވެރިންގެ ސައްލާ" ގެ ދެވަނަ ބުރު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.