މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ އިރާކޮޅު ހުޅުމާލޭގެ ހުވަނދުމާ ހިނގުމުން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރީ ހމ. ފްލެޓް ނަންބަރު 04-ޖީ-10، މާލެ، ޢަލީ ޢަބްދުﷲ، 48، އާއި ދ. ކުޑަހުވަދޫ، އުނިމާގޭ، އަމާނަތު ޖަލީލް، 28، ކަމަށެވެ
އެ މީހުން ހައްޔަރުކޮށް ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރި އިރު ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ޕެކެޓާއި މަނާ ބޭސް ކަމަށް ޝައްކުކުރެވޭ 23 ގުޅަ ހިފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން، ދެ މީހުންގެ އަތުން 40،515ރ. އާއި 136 ޑޮލަރު ވެސް ފެނިފައިވެ އެވެ.
ފުލުހުން ބުނީ މި ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ތުހުމަތު ކުރެވޭތީ، އެ ފައިސާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި އިއްޔެ ޅ. ނައިފަރުން ވެސް ޒުވާނަކު ހައްޔަރުކޮށްފައިވާ އިރު، މިދިޔަ މަހުގެ 29 ގައި ހދ. ހަނިމާދު އާއި ފިއްލަދޫގައި ހިންގު އޮޕަރޭޝަންތަކެއްގައި ވެސް ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ނައިފަރު، ފުރާތު، އަހްމަދު އަރީ،ފް، 33، އާއި ހދ. ހަނިމާދޫ، ލޭކޮކާ، ޢަބްދުލްޢަޒީޒް ޙަސަން، 38، އާއި ކ. ގުރައިދޫ، ގުލްފާމުގޭ ޖައިލަމް މުހައްމަދު، 21، އާއި ގުރައިދޫ، ނަލަވާ، ޙުސައިން ޝާވިން، 23، ގެ އިތުރުން ފިއްލަދޫ، ޓާޓާގޭ މުހައްމަދު ސޯދިގް، 45، އެވެ.