ތައިލޭންޑަށް ދާ މީހުން އެ ގައުމަސް އެތެރެވުމުގެ ކުރިން ފުރަން ޖެހޭ ޑިޖިޓަލް އެރައިވަލް ކާޑު މިއަދުން ފެށިގެން ފުރަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މިއީ އެ ގައުމުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން މިއަދުން ފެށިގެން އަމަލު ކުރަން ފެށި އުސޫލަކާ ގުޅިގެން އަމަލު ކުރަން ނިންމި ގޮތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއަދުން ފެށިގެން ތައިލޭންޑަށް ދަތުރުކުރާ އެހެން ގައުމުތަކުގެ މީހުން އޮންލައިންކޮށް އެރައިވަލް ކާޑެއް ދަތުރުކުރުމުގެ ތިން ދުވަސް ކުރިން ފުރަން ޖެހެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ އުސޫލަށް އަމަލު ކުރަން ޖެހުނު ނަމަވެސް ރާއްޖެ އާއި ތައިލެންޑާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައި ނެތް ކަމަށެވެ. އެހެންވެ ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރު ވެސް 90 ދުވަހުގެ "އެންޓްރީ ވިސާ" ގައި ތައިލެންޑަށް ދަތުރު ކުރެވޭނެ އެވެ.
ތައިލޭންޑަކީ ދިވެހިން ވަރަށް ގިނައިން ދަތުރުކުރާ ގައުމެކެވެ. އެ ގައުމުގައި ރާއްޖޭގެ އެމްބަސީއެއް ވެސް ހުރެ އެވެ.