އައްޑޫ އިއެކްޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އަލަށް މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކަށް ހުޅުވާލައިފި އެވެ.
އަތޮޅުތެރޭގެ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލުން ބުނީ އެ ފުރުސަތު ހުޅުވައިލީ 15 ފަރާތަކަށް ކަމަށެވެ. އެހެންވެ އޭއީއެޗްގައި އިންޓާންޝިޕް ފުރިހަމަ ކުރަން ޝައުގުވެރިވާ ޑޮކްޓަރުންނަށް މި މަހުގެ 15 އާ ހަމައަށް އެޕްލައި ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މި ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި މެޑިކަލް ކޮލެޖް/ޔުނިވަސިޓީން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް އޮތުމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުމުގެ އިތުރަށް ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ކުށުގެ އެއްވެސް ރެކޯޑެއް ނެތުން ހިމެނެ އެވެ.
އޭއީއެޗުން ބުނީ އިންޓާންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 15 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދޭނީ އެމްބީބީއެސް ފުރިހަމަކޮށްފައިވާ ތާރީޚަށް ބަލައި، ކޯސް ފުރިހަމަކުރި ފަހުން އެންމެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ކަމަށެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 6885045 އާއި މި މެއިލް [email protected] އިން ހޯދޭނެ އެވެ.