ޕްރެޒިޑެންޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ދަތުރު ކޮށްފިއެވެެ.
ސެމީ ފައިނަލްގެ ދެވަނަ މެޗްގައި މިއަދު ހަވީރު ޓީސީ އާއި ވާދަކޮށް މާޒިޔާ ފައިނަލަށް ދަތުރުކުރީ ފުރިހަމަ ވަގުތު ހަމަވި އިރު ލަނޑެއް ނުޖެހި ދެ ޓީމް އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 4-2 ލަނޑުންނެވެ.

މެޗްގައި ދެ ޓީމަށް ލަނޑު ޖަހާނެ މާ ގިނަ ފުރުސަތު ތަކެއް ތަނަވަސްވެފައި ނުވެއެވެ. ނަމަވެސް މެޗްގެ ދެވަނަ ހާފް ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް މާޒިޔާއަށް ވަނީ ނަތީޖާ ބަދަލު ކޮށްލަން ޕެނަލްޓީ އެއް ލިބިފައެވެ.
ޓީސީގެ ޕެނަލްޓީ އޭރިއާގެ ތެރެއިން މާޒިޔާގެ އަހުމަދު އިމާޒަށް ޓީސީގެ އަރިމަތިން ކުޅެމުން ދިޔަ އިބްރާހީމް ރިޒްވާން ކުރި ފައުލަށް ލިބުނު ޕެނަލްޓީ އުމައިރު ފޮނުވާލީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މެޗްގެ ފުރަތަމަ ޕެނަލްޓީ މާޒިޔާގެ މުޙައްމަދު އިރުފާން ޖެހީ ބޭރަށެވެ. އެހެންވެ އެންމެންވެސް ހީކުރީ މީ ޓީސީގެ ފަހަރެއް ކަމަށެވެ. އެއީ ޓީސީގެ ފުރަތަމަ ޕެނަލްޓީ ޔޮހެއި ކާމިޔާބު ކުރުމާއި އެކުއެވެ.
އޭގެ ފަހުން ޓީސީގެ އަލީ ނާފިއު (ކަޅޭ) އާއި ނާއިޒް ހަސަން ޖެހި ދެ ޕެނަލްޓީ މާޒިޔާގެ ކީޕަރު ޕަވެލް ވަނީ ދިފާއު ކޮށްފައެވެ.
ޓީސީގެ ހަތަރުވަނަ ޕެނަލްޓީ އެޓީމްގެ ރަފެއަލް ކާމިޔާބުކުރި ނަމަވެސް، މާޒިޔާގެ ފަހު ޕެނަލްޓީ މުހައްމަދު އުމައިރު ވަނީ ކާމިޔާބްކޮށް މާޒީޔާ ފައިނަލަށް ގެންގޮސްދީފައެވެ.

މާޒިޔާގެ އަހްމަދު ނާޝިދު އާއި ބަދަލު ކުޅުންތެރިއެއްގެ ނިކުތް މޫސާ ޔާމީންއާއި، ސަމްދޫހު މުޙައްމަދު ވަނީ އެމީހުން ޖެހި ޕެނަލްޓީ ކާމިޔާބް ކޮށްފައެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުން މެޗް ބަލަން ވަދެފައިވާ އިރު މިއަދު މެޗްގައި ގިނަ ބަޔަކު މާޒިޔާއަށް ސަޕޯޓް ކޮށްފައެވެ.
ޕްރެޒިޑެންޓް ކަޕް ގެ ފައިނަލް މެޗް އޮންނާނީ އަންނަ މަހުގެ 4 ވަނަ ދުވަހު އައްޑޫ ސްޓޭޑިއަމްގައެވެ. ފައިނަލްގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ނިއު އާއި މާޒިޔާއެވެ.