Last Updated: May 2, 17:29
Friday, May 2, 2025
ޚަބަރު

ދެވަނަ ދައުރެއް ހޯދުން ލާޒިމް، ނޫނީ ދާން ޖެހޭނީ ޖަލަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ސަން

މި ސަރުކާރަށް ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުން ލާޒިމް ކަމަށާއި ނޫނީ ސަރުކާރުގެ ވެރިން ދާންޖެހޭނީ ޖަލަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ރައީސަކަށް ހުންނަވާ ބޭފުޅަކު ދެވަނަ ދައުރެއް ހޯދަން މަސައްކަތް ކުރުމަކީ ތޮބީއީ ގޮތުން ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރައްވަން ލާޒިމު ކަމެއް ކަމަށެވެ.

"އެއީ އެކަން ނުކޮށްފިނަމަ އެބޭފުޅާގެ ފަސް އަހަރު ނިމިގެންދާއިރު އެހެން މީހަކު އައިސިއްޔާ، އަޅުގަނޑަކަށް ހީއެއް ނުވޭ ރާއްޖޭގައި މިވަގުތު ހުރި ޖަލުތަކަކަށް މި މީހުން ކަތާނެހެން. މި ހުރިހާ އެންމެންނަކީ ބޮޑެތި އަދަދުން ބޮޑެތި ޖިނާއީ ޖޫރިމަނާތަކާއި، ބޮޑެތި ޖިނާއީ ހުކުމްތައް އަންނާނެ މީހުން މިއީ. އެހެންވީމަ މަޖުބޫރު ދެއްތޯ ދެވަނަ ފަސް އަހަރެއް ހޯދަން ހިނގާދިޔަ ކަންތަކަށް ފަސް އަޅަން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މި ސަރުކާރުގެ ވެރިން އިތުރު ފަސް އަހަރެއް ބޭނުން ވެގެން އުޅެނީ މިހާރު ކުރާ ވައްކަންތައް އަދި އެއަށް ވުރެ ވަރުގަދަ އަށް ކުރުމަށާއި އަދި އެ ކަންކަން ބަލަން އެހެން ބަޔަކަށް ފުރުސަތު ދޭން ބޭނުން ނުވާތީ ކަމަށެވެ. އަދި ދެވަނަ ދައުރެއް ނުލިބިއްޖެ ނަމަ މި ސަރުކާރުގެ ވެރިންނަށް ވަރަށް ބަދު ނަސީބު ދުވަސްތަކަކާއި ދިމާވެދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އެހެންވީމަ ކޮންމެހެން ވެސް މި ބޭފުޅުންނަށް ކުރަން މަޖުބޫރު ކަމެއް. އެ ފަސް އަހަރު ހޯދަންޖެހޭނެ. އެ ފަސް އަހަރު ނުހޯދައިފިއްޔާ މި ބޭފުޅުންނަށް ހަމަ ވަރަށް ބަދު ނަސީބު ދުވަސްތަކާއި ދިމާވެދާނެ ކަމަށް މި ބޭފުޅުން އިންތިޒާރު ކުރައްވާ،" ޔާމީން ވިދާޅުވި އެވެ.