ބާރުގެ ބޭނުންކޮށްގެން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުހުއްޓުވޭނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މާލޭގައި ސިލްސިލާ ގޮތެއްގައި ޒުވާނުން ކުރަމުންދާ އިހުތިޖާޖު ރޭ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ރޫޅާލާފަ އެވެ. އަދި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ދެ ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ސުލްޙަވެރި މުޒާހަރާކުރި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ހިންގި އަނިޔާވެރި އަދި ނުޙައްޤު ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިކަމުން ހާމަވެގެންދިޔައީ ރައީސް މުޢިއްޒުގެ ވެރިކަމުގެ ޙަޤީޤީ ސިފަ ކަމަށެވެ. މިއީ ޑިމޮކްރެޓިކް ވެރިކަމަށް ނުވަތަ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙައްޤުތަކަށް އިޙްތިރާމްކުރާ ވެރިކަމެއް ނޫންކަން ސާފުކޮށް އެނގޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އަދި އިއްޔެ ހަވީރު ބޭއްވި މަސައްކަތްތެރިންގެ ސުލްޙަވެރި ރެލީ ހުއްޓުވުމާއި ރޭ ހިންގި ނުބައި ޢަމަލުތަކަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، އިޙްތިޖާޖުކުރުމުގެ އަސާސީ ޙައްޤުތަކަށް ކަނޑައެޅިގެން އަރައިގަތުން ކަމަށާއި މިފަދަ ޢަމަލުތަކަކީ އަނިޔާވެރި ވެރިކަމެއް އަށަގަންނަމުންދާކަމުގެ ނުރައްކާތެރި ނިޝާންތަކެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ޤާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ އެންމެހައި ފަރާތްތައް ވަގުތުން ޝަރުޠެއް ނެތި ދޫކޮށްލުމަށާއި އަދި ސަރުކާރުން ސުލްޙަވެރިކޮށް އިޙްތިޖާޖުކުރުމުގެ ޙައްޤަށް އިޙްތިރާމްކޮށް، އަނިޔާވެރިކަމާއި އަދި އަނިޔާގެ ބިރުދެއްކުމެއްނެތި ޑިމޮކްރެޓިކް ގޮތުގައި ޚިޔާލުފާޅުކުރެވޭނެ ޖާގަ ހޯދައިދޭންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ފައްޔާޒު ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބާރުގެ ބޭނުންކޮށްގެން ނުހުއްޓުވޭނެކަން ރައީސް މުޢިއްޒަށް މިހާރު އެނގެން ވާނެ ކަމަށާއި އެމްޑީޕީން ޒުވާނުންނާއެކު ސާބިތުކަމާއެކު ތިބޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ފުލުހުން ބުނީ މުޒާހަރާ ރޫޅާލީ ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ.
މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވަނީ މަޙްޒޫމް މާޖިދު (28އ) ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ.
ފުލުހުން ބުނީ މަޙްޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޝިމަން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.
ސިލްސިލާ ގޮތެއްގައި ޒުވާނުން މާލޭގައި ކުރަމުންދާ މުޒާހަރާ އަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރަމުންދާ މުޒާހަރާތަކެކެވެ.