Last Updated: May 2, 17:09
Friday, May 2, 2025
ރިޕޯޓް

ދަރަނިން ސަލާމަތްކޮށް ދެއްވާތޯ ދުއާކުރައްވާ!

މާތް ﷲ ބަޔަކަށް ލޯބި ކުރައްވާ ނަމަ، އެބަޔަކަށް އިމްތިޙާނުތައް ކުރިމަތި ކުރައްވަ އެވެ. އެކަންކަމަށް ރުހޭ މީހަކަށް އެކަލާނގެ ރުހިވޮޑިގަންނަވަ އެވެ. އެކަންކަމަށް ނުރުހޭ މީހަކަށް އެކަލާނގެ ރުހިވޮޑިއެއް ނުގަންނަވަ އެވެ.

ދިމާވާ ކަންކަމަށް ކެތްތެރިވާން ޖެހެ އެވެ. ހުރިހާ ކަމެއްގައި އެހީތެރި ކަމަށް އެދި ދަންނަން ޖެހެނީ އެކަލާނގެ ޙަޟްރަތުގައެވެ. މާތް ﷲ އަހަރެމެންގެ ޙާލަތު ތަނަވަސް ޙާލަތަކަށް ބަދަލުކޮށްދެއްވާނެއެވެ. އެކަލާނގެ ވަޙީ ކުރައްވައިފައިއެވެ. (وَإِنْ كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَى مَيْسَرَةٍ وَأَنْ تَصَدَّقُوا خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ) (سورة البقرة:280) މާނައީ:" އަދި، (ދަރަނިވެރިޔާއަކީ) އަތްމަތި ދަތި މީހަކު ކަމުގައިވާނަމަ، ފަހެ، (އެމީހާއަށް) ތަނަވަސްކަމެއް ލިބެންދެން (އޭނާއަށް) مهلة ދޭ ހުށިކަމެވެ! އަދި، ތިޔަބައިމީހުން (އެ ދަރަނީން) صدقات ކުރުން (އެބަހީ: އެ ދަރަނި މާފުކުރުން) ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭ ކަމުގައި ވާނަމައެވެ."

ތިމާގެ މައްޗަށް ދަރަންޏެއް އޮތް ނަމަ އެ ދަރަނިން ސަލާމަތްކޮށް ދެއްވާތޯ އެކަލާނގެ ޙަޟްރަތަށް ދުޢާ ދަންނަވަން ޖެހެ އެވެ. އަބޫ ދާވޫދު އަބީ ސަޢީދު އަލް ޚުދަރީ ގެ އަރިހުން ރިވާ ކުރައްވައިފައިވެ އެވެ. އެއް ދުވަހަކު ކީރިތި ރަސޫލާ صلى الله عليه وسلم މިސްކިތަށް ވެދެވަޑައިގަތެވެ. އަންޞާރިއްޔަ ބޭކަލަކު ކަމުގައިވާ أبو أمامة މިސްކިތުގައި އިންނަވަނިކޮށް ފެނިވަޑައިގަތެވެ.

އެކަލޭގެފާނާ މުޚާޠަބު ކުރައްވައި ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. ނަމާދު ވަގުތު ނޫން ވަގުތެއްގައި ކަލޭގެފާނު މިސްކިތުގައި އިންނަވަނިކޮށް ތިމަންކަލޭގެފާނަށް މިފެނިވަޑައިގަންނަވަނީ ކީއްވެގެން ހެއްޔެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. އޭ މާތް الله ގެ ރަސޫލާއެވެ! އަޅުގަނޑު ކަންބޮޑުވުންތަކާ ދަރަނިތަކުގެ ސަބަބުންނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނާ މުޚާޠަބު ކުރައްވައި ޙަދީޘް ކުރެއްވިއެވެ. ތިބާގެ ކަންބޮޑުވުންތަ ދުރުހެލިކޮށްދީ ދަރަނިތައް އަދާވެގެންދާނެ ބަސްތަކެއް ތިމަން ކަލޭގެފާނު، ކަލޭގެފާނަށް ދަސްކޮށްދެއްވަން ހެއްޔެވެ؟ ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. އާދޭހެވެ! އޭ މާތް الله ގެ ރަސޫލާއެވެ! ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ތިބާ ހެނދުނާ ހަވީރު މިފަދައިން ކިޔާށެވެ. (اللهُمَّ إنِّي أعوذُ بكَ مِنَ الهَمِّ وَالْحَزنِ، وَمِنَ الْعَجزِ وَالْكَسلِ، وَالْجُبنِ، وَالْبُخلِ، وَمِنْ غَلَبةِ الدَّينِ، وقَهْرِ الرِّجالِ.) (ابن باز، فتاوى نور على الدرب لابن باز (٤٣٥/٣٤) أبو أمامة ވިދާޅުވިއެވެ.

ތިމަން ކަލޭގެފާނު އެގޮތަށް ޢަމަލު ކުރެއްވީމެވެ. އަދި މާތް ﷲ ތިމަން ކަލޭގެފާނުގެ ކަންބޮޑުވުންތައް ދުރުކޮށް ދެއްވި އެވެ. އަދި ދަރަނިތައް އަދާކުރެވޭނެ މަގު ތަނަވަސްކޮށް ދެއްވި އެވެ.

އަލްއިމާމުއް ތިރުމިޒީ، އަބީ ވާއިލް علي رضي الله عنه ގެ އަރިހުން ރިވާ ކުރައްވައިފައިވެ އެވެ. މުކާތިބަކު އެކަލޭގެފާގެ އަރިހަށް އައިސް ދެންނެވި އެވެ. ތިމަން މި ވަނީ މުކާތިބަކަށްވުމަށް ނުކުޅެދިފަ އެވެ. މިކަމުގައި ތިމަންނާއަށް އެހީތެރިކަން ފޯރުކޮށްދެއްވާށެވެ. علي رضي الله عنه ވިދާޅުވި އެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ތިމަން ކަލޭގެފާނަށް ދަސްކޮށް ދެއްވައިފައިވާ ކަލިމަތަކެއް ތިމަން ކަލޭގެފާނު ތިބާއަށް ދަސްކޮށްދެއްވާނަމެވެ. ތިބާގެ ބޮލުގައި ފަރުބައެއް ވަރުގެ ދަރަންޏެއް އޮތްކަމުގައި ވިޔަސް މާތް ﷲ ތިބާއަށް އެ ދަރަނި އަދާކުރުމަށް މަގުފަހިކޮށް ދެއްވާނެތެވެ.

ތިބާ މިފަދައިން ކިޔާށެވެ. (اَللَّهمَّ اكْفِني بِحَلَالِكَ عَنْ حَرَامِكَ وَأَغْنِنِيْ بِفَضْلِكَ عَمَّنْ سِوَاكَ) (أخرجه الترمذي (٣٥٦٣)، وأحمد (١٣١٩)، والبزار (٥٦٣)، والحاكم (١٩٧٣)
(މާތް ﷲ އަޅުގަނޑާ ތިބާގެ ދަރަނިތައް އަދާކުރުމުގެ ތައުފީޤު ދެއްވާށިއެވެ. އަދި މި އަޅާ އާއި ތިބާގެ ޙާލު އިސްލާޙުކޮށް ދެއްވާށި އެވެ!)

ނޯޓް: މިއީ ޝައިހް މޫސާ އަންވަރުގެ ހަސަންގެ ލިޔުމެކެވެ.