Last Updated: May 2, 17:09
Friday, May 2, 2025
ޚަބަރު

އިހުތިޖާޖުތަކަށް ހުރަސް ނޭޅޭނެ، ދެ ޒުވާނުން ދޫކޮށްލާ

ސުލްހަވެރި އިހުތިޖާޖުތަކަށް ހުރަސް އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެ ޒުވާނުން ދޫކޮށްލުމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އަޒާން ގޮވާލައިފި އެވެ.

މާލޭގައި ސިލްސިލާ ގޮތެއްގައި ޒުވާނުން ކުރަމުންދާ އިހުތިޖާޖު ރޭ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ރޫޅާލާފަ އެވެ. އަދި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ދެ ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ފާއިތުވި ވެރިކަމުގައި ވެސް ސުލްޙަވެރި އިހުތިޖާޖުތައް ހުއްޓުވަން ފުލުހުން ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށް އެ އިހުތިޖާޖުތައް ހުއްޓުވި ކަމަށާއި މިއަދުގެ ސަރުކާރުން ވެރިކަމަށް އައީ އެކަން ބަދަލުކުރަން ވައުދުވަމުން ކަމަށެވެ.

"އެހެނަސް މިފެންނަނީ ފުލުހުން ނިކުމެ ހަރުކަށިކަމާއި އެކު ސުލްޙަވެރި އިހުތިޖާޖުތަކަށް ހުރަސް އަޅަމުން ގެންދާތަން. މިއީ ކަންބޮޑުވާ ކަމެއް،" އަޒާން ވިދާޅުވި އެވެ.

ސުލްޙަވެރިކަމާއި އެކު އިޙުތިޖާޖު ކުރުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެއް ކަމަށާއި ރޭގެ މުޒާހަރާއިން ހައްޔަރުކުރި ޒުވާނުން ދޫކޮށްލުމަށް އަޒާން ވަނީ ގޮވާލާފަ އެވެ.

ފުލުހުން ބުނީ މުޒާހަރާ ރޫޅާލީ ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ.

މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވަނީ މަޙްޒޫމް މާޖިދު (28އ) ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ.

ފުލުހުން ބުނީ މަޙްޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޝިމަން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.

ސިލްސިލާ ގޮތެއްގައި ޒުވާނުން މާލޭގައި ކުރަމުންދާ މުޒާހަރާ އަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރަމުންދާ މުޒާހަރާތަކެކެވެ.