އައިޖީއެމްއެޗުގެ އެންއައިސީޔޫއިން ފެނުނު ނުރައްކާތެރި ބެކްޓީރިއާ، މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރު) އަށް ޕޮޒިޓިވް ފަސް ކުއްޖަކަށް ފަރުވާދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން އިތުރު ފަރުވާއަށް ބޭނުންވާ ކުދިން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ 28 ހަފުތާއަށްވުރެ ކުރިން އުފަންވެ، އެންއައިސީޔޫގައި އެޑްމިޓްކުރެވި ފަރުވާދެމުންދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގުނު ސާމްޕަލަކުން، މިދިޔަ މާޗް މަހުގެ 27 ގައި އެމްޑީއާރުއޯ "ބާކޯލްޑޭރިއާ ސެޕޭޝިއާ" ފެނިފައިވާ ކަމަށެވެ.
އެއާއެކު ވަގުތުން ކުއްޖާ އައިސޮލޭޓްކުރެވި، އެ ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމަށް، އެންވައިރަމަންޓަލް ސާމްޕަލް ނަގައި އިންފެކްޝަން ކޮންޓްރޯލުކުރުމުގެ އައިޕީސީ ފިޔަވަޅުތައް އެޅުނު ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ އެ ކޭސް ކުރިމަތިވުމަށްފަހު، އިތުރަށް ނެގުނު ސާމްޕަލްތަކުން އެންއައިސީޔޫގައި އެޑްމިޓްކުރެވިފައި ތިބި އިތުރު ހަތަރު ކުދިން، ދުވަސްނުފުރާ ވިހާފައިވާ ތިން ކުދިންނާއި ދުވަސްފުރާ ވިހާފައިވާ އެއް ކުއްޖެއްގެ ހަޑިގަނޑުން އެމްޑީއާރު ފެނިފައިވާ ކަމަށާއި އެ ހުރިހާ ކުދިންނަކީ ވެސް ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ކުދިން ކަމަށެވެ.
"ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމުގެ ގޮތުން މި ހުރިހާ ކުދިން އައިސޮލޭޓްކޮށް އިންފެކްޝަން ކޮންޓްރޯލުކުރުމުގެ ފިޔަވަޅުތަކާއެކު ގާތުން ބަލަމުންދެއެވެ. އަދި އެންޓިބަޔޮޓިކް ފަރުވާ ދެވުނީ އެންޓިމައިކްރޯބިއަލް ސަސެޕްޓިބިލިޓީ ނަތީޖާތަކާއި ކޮންމެ ކުއްޖެއްގެ ކްލިނިކަލް ހާލަތަށް ބަލައިގެންނެވެ. އެއާއެކު، އެންއައިސީޔޫގެ މާހައުލުގައި ހުރެދާނެ ކޮންޓަމިނޭޝަންގެ ސަބަބުތައް ދެނެގަތުމަށް ފުޅާދާއިރާއެއްގައި ޓެސްޓުތައް ހެދުނެވެ،" އައިޖީއެމްއެޗްގެ ބަޔާނުގައި ވެ އެވެ.
އައިޖީއެމްއެޗުން ބުނީ އަވަސްކަމާއެކު ވިލަރެސްކުރެވިގެން އެޅުނު ފިޔަވަޅުތަކުގެ ސަބަބުން އެ އިންފެކްޝަން އިތުރަށް ފެތުރުން ހުއްޓުވުނު ކަމަށާއި މިދިޔަ މަހުގެ 15 ގެ ފަހުން އިތުރު ކޭސްއެއް ރިޕޯޓުކުރެވިފައި ނުވާ ކަމަށެވެ.
"27 މާޗް 2025 އިން ފެށިގެން ޖުމުލަ 84 ނިއޯނޭޓަލް ކުދިންނަށް އެންއައިސީޔޫގައި ފަރުވާދެވި، މިވަގުތު އެންއައިސީޔޫގައި ދިހަ ކުދިންނަށް ފަރުވާދެވެމުންދެއެވެ. މީގެ ތެރޭގައި މި ޖަރާސީމަށް ފައްސިވެފައިވާ ފަސް ކުދިން ހިމެނެއެވެ. އަދި މި ފަސް ކުދިންގެ ފަރުވާގެ ކަންްކަން ކުރިއަށްދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އައިސޮލޭޓްކުރެވިގެންނެވެ،" އައިޖީއެމްއެޗްގެ ބަޔާނުގައި ބުންޏެވެ.
އައިޖީއެމްއެޗުން އިތުރަށް ބުނީ އެ ޖަރާސީމަށް ޕޮޒިޓިވްވެފައިވާ ފަސް ކުދިންގެ ތެރެއިން އިތުރު ފަރުވާއަށް ބޭނުންވާ ކުދިން، ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދެވޭ ބަލިމީހުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.