މީސްތަކުންނާ ހުތުބަހުން މުޚާޠަބުކޮށް އަނިޔާވެރިވާ މީހުންނަށް ގައުމު އެއްގަލަކަށް ނޭރުވޭނެ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާ އަކީ މަސްޖިދުއްނަބަވީގެ އިމާމް އަދި ޚަތީބް، ފަޟީލަތުއްޝައިޚް ޑރ. ޞަލާހު އަލްބުދައިރު މިދިޔަ ހުކުރު ދުވަހު ދެއްވި ހުތުބާގެ ތަރުޖަމާ އެވެ.
ހުތުބާގައި ބުނީ މާތްﷲ ސުބްޙާނަހޫ ވަތަޢަލާ އެ ކަލާނގެ ކަލާމްފުޅުގައި، އެ ކަލާނގެ އަޅުތަކުންނަށް އަމުރުކުރައްވާފައިވަނީ، ކިޔަމަންގަތުމާއި ހެޔޮ އަމަލުތަކުގައި ކުރިއަރައިދިއުމަށް ކަމަށާއި ބައިބައިވުމާއި ދެބަސްވުންތައް ނަހީކުރައްވާފައި ކަމަށެވެ. މާތްﷲ ހުއްދަކުރެއްވި ކަންކަމުގައި އެއްބަސްވާ، އެކަކު އަނެކަކުދެކެ ލޯބިވާ ބައެއްގެ ގޮތުގައި ދިރިއުޅުމުގެ އިތުރުން ހެޔޮކަމާއި ތަޤްވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށްވުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.
އެންމެ ނުބައި މީހަކީ، އެ މީހެއްގެ ޤައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށާއި ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
އަދި ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުރުބަހުން މުޚާޠަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިސްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ ފަތުވާދީއުޅޭ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުމަކުން ސިފަލިބިގެންވާ ބަޔަކަށް ވެސް ޤައުމު އެއްގަލަކަށް ނޭރުވޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
"ފަހެ ފުރެދުމާއި، ފަސާދައާއި، އިލްޙާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ތިޔަބައިމީހުން ބިރުވެތިވާށެވެ! ތިޔަބައިމީހުން ޙިކުމަތްތެރިކަމާއި މެދުމިނުގައި ހިފަހައްޓާށެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
މީގެއިތުރުން މާތްﷲގެ އަޅުތަކުންނަށް ފައިދާއެއް ކޮށްދިނުމަކީ އެންމެ މަތިވެރި ޚުލްޤުކަން ފާހަގަކޮށް ޚުތުބާގައި ބުނީ, މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ އިއްޒަތާއި ޝަރަފާއި ގަދަރުވެރިކަމުގައި ކަމަށެވެ. ތިބާއީ މީސްތަކުންނަށް ފައިދާހުރި، ހެޔޮފޯރުވައި އުޅޭ މީހަކަށް ވާން ޚުތުބާގައި ގޮވައިލި އެވެ.
"ތިބާގެ އެހީތެރިކަމާއި، ދީލަތިކަމާއި، ހޭދަކުރުން ދޫކޮށްނުލާށެވެ! ތިބާ މުށްބާރުނުކުރާށެވެ! ބޭނުމެއް ޖެހިގެން އަތްދިއްކޮށްލާ މީހާއަށް ކުޑަނަމަވެސް ހެޔޮކަމުގެ އަތެއް ދިއްކޮށްލާށެވެ! ނުވަތަ ހިތްހެޔޮކަމާއެކު ރީތިކޮށް އޭނާއަށް ޖަވާބުދޭށެވެ!" ޚުތުބާގައި ބުންޏެވެ.