މާލޭގައި ސިލްސިލާ ގޮތެއްގައި ޒުވާނުން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން ރޭ ހައްޔަރުކުރި ދެ މީހުން ދޫކޮށްލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
މާލޭގައި ސިލްސިލާ ގޮތެއްގައި ޒުވާނުން ކުރަމުންދާ އިހުތިޖާޖު ރޭ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ރޫޅާލާފަ އެވެ. އަދި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ދެ ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ މަޙްޒޫމް މާޖިދު (28އ) އާއި ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ.
"އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ އަސާސީ ހައްގުގެ ބޭނުން ހިފަމުން ދަނިކޮށް ހައްޔަރު ކުރި ޝިމަން އާއި މަހްޒޫމް ވަގުތުން މިނިވަން ކުރަން އަޅުގަނޑު ގޮވައިލަން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ހައްގުތަކުގެ ދިފާއުގައިި ތެދުވެ ޒުވާނުން ވަކާލާތު ކުރުމަކީ ލިބޭ ހިތްވަރެއް ކަމަށާއި އަދި މުޒާހަރާ ކުރާ ޒުވާނުންގެ އަޒުމާއި ހިތްވަރުން އެކްޓިވިޒަމްގެ ބާރު ދައްކުވައިދޭ ކަމަށެވެ. ހައްގުތަކުގެ ދިފާއުގައި ތެދުވެ ވަކާލާތު ކުރަން ހިތްވަރު ލިބޭ ސަގާފަތެއް ބިނާ ކުރެވުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
އަދި އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ އަސާސީ ހައްގުގެ ބޭނުން ހިފަމުން ދަނިކޮށް ހައްޔަރު ކުރި ދެ ޒުވާނުން ދޫކޮށްލަން ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.
ފުލުހުން ބުނީ މުޒާހަރާ ރޫޅާލީ ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ.
ސިލްސިލާ ގޮތެއްގައި ޒުވާނުން މާލޭގައި ކުރަމުންދާ މުޒާހަރާ އަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރަމުންދާ މުޒާހަރާތަކެކެވެ.