Last Updated: May 3, 01:04
Saturday, May 3, 2025
ޚަބަރު

އަދާލަތަށް ވަންނަން ޝަހީމް ފޯމް ހުށަހަޅައިފި

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު

އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަންނަވަން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވަނީ އަދާލަތު ޕާޓީއަށް ވަންނަން މެންބަރުކަމުގެ ފޯމް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ޝަހީމް ހާމަކުރެއްވީ މިދިޔަ ބުދަ ދުވަހު އެވެ. އަދި މި އަހަރު ފަހުކޮޅު އެ ޕާޓީގެ އާ ރައީސަކު ހޮވަން ބާއްވާ އެތެރޭގެ އިންތިހާބުގައި ވާދަކުރެއްވުމަށް ވެސް ޝަހީމް ވަނީ ނިންމަވާފަ އެވެ.

ޝަހީމްގެ މި ނިންމުމާ ގުޅިގެން އަދާލަތުގެ މިހާރުގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވަނީ ސަރުކާރުން ވަކިވުމަށްފަހު އަދާލަތު ޕާޓީގެ ލީޑަޝިޕަށް ޝަހީމް ވާދަ ކުރައްވާ ނަމަ މަރުހަބާ ދަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ރައީސް މުއިއްޒުގެ ދޯހަޅިކަމާހުރެ ގައުމު ވެއްޓިފައި މިއޮތް ހާލަތުން ސަލާމަތް ކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓު ދޫކުރައްވައި ހާލިސްކަމާއެކު އަދާލަތު ޕާޓީގެ ލީޑަޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާއެކު މަރުޙަބާ ދަންނަވަން،" އިމްރާން ވިދާޅުވި އެވެ.

އިމްރާނަށް ރައްދު ދެއްވަމުން ޝަހީމް ވަނީ ޕާޓީގެ ލީޑާޝިޕަށް ވާދަކުރައްވަން ކެބިނެޓުން އިސްތިއުފާ ދެއްވަން ނުޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ޝަހީމު އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމެވި އިރު، އޭނަ އާއި އެ ޕާޓީގެ ބައެެއް ބޭފުޅުންނާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި، އެއް ބަޔަކު އަނެއް ބަޔަކަށް ކުރިން ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފައިވެ އެވެ. އަދާލަތުން ވަކިވެވަޑައިގަތުމަށް ފަހު ޝަހީމް ޕީޕީއެމާ ވެސް ގުޅިވަޑައިތެވެ. އަދި 2018 ގެ ރިޔާސީ އިންތިހާގުގައި ޕީީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި އެ އަހަރުގެ އިންތިހާބަށް ނުކުންނެވި އެވެ.

ދެހާސް ތޭވީހުގައި ބޭއްވި ރިޔާސީ އިންތިހާބަށް ފަހު އަދާލަތުގެ އަޑު ވަނީ ވަރަށް ބޮޑަށް ކެނޑިގެން ގޮސްފަ އެވެ. އަދި އެ އިންތިހާބަށް ފަހު، ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އިމްރާން ވަނީ ރާއްޖެ ދޫކުރައްވައި ތައިލޭންޑަށް ދިރިއުޅުން ބަދަލު ކުރައްވައިފަ އެވެ.