Last Updated: May 3, 01:04
Saturday, May 3, 2025
ޚަބަރު

ފުރަތަމަ ހުޅުވާނީ ޝަންގްރިއްލާ ރިސޯޓްގެ އެއްބައި

ބަންދުކޮށްފައި އޮތް އައްޑޫ ޝަންގްރިއްލާ ވިލިގިލި އެންޑް ރިސޯޓް އެންޑް ސްޕާ ދެ ފޭހެއްގެ ދަށުން ހުޅުވަން މިހާރު މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގޭ ފޭދޫ އޮފީހުން ރޭ ބޭއްވި ޖަލްސާއެއްގައި އޭނަ ވިދާޅުވީ ވަރަށް އަވަހަށް ޝަންގްރިއްލާ ރިސޯޓް ހުޅުވުމުގެ އުންމީދު ބޮޑު ކަމަށެވެ. އެގޮތުން އެ ރަށް އަޅުން ހުޅުވުމާ ގުޅޭ ގޮތުން ކުރިއަށްދާ މަޝްވަރާތަކާ އެކު ރިސޯޓްގައި މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ އޭނަ އެންމެ ފަހުން އެ ރިސޯޓަށް ޒިޔާރަތްކުރެއްވީ މީގެ އަހަރެއްހާ ދުވަސް ކުރިން ކަމަށެވެ. އޭރު އެތަނުގެ ހާލަތު އޮތް ގޮތަށް ބަލާ އިރު، ރިސޯޓް ވަރަށް ރަނގަޅަށް ބަލަހައްޓަމުން އަންނަކަން ފާހަގަކުރެވުނު ކަމަށް ވިދާޅުވި އެވެ. އެހެންވެ އެތަން އަލުން އޮޕަރޭޝަނަށް ގެންނަން "ކުދިކުދި" ބައެއް މަސައްކަތްތައްކޮށްލައިގެން ހައެއްކަ މަސް ދުވަހުގެ ތެރޭގައި ރިސޯޓް އޮތީ ހުޅުވޭ ފަދަ ހާލަތެއްގައި ކަމަށް ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން ޝަންގްރިއްލާ ގްރޫޕާ އެކު މިހާރު ކުރިއަށްދާ މަޝްވަރާތަކަށް ބަލާ އިރު، އެނގިފައިވާ ގޮތުގައި މިހާރު މަސައްކަތް ކުރަމުން ދަނީ ރަށް އެއްކޮށް ހުޅުވުމުގެ ބަދަލުގައި ރަށުގެ އެއްބައި ފުރަތަމަ ހުޅުވަން ކަމަށެވެ.

"އެހެންވީމަ މިތަން ވަރަށް އަވަހަށް ހުޅުވޭނެކަމުގެ އުންމީދު އެބައޮތް،" އޭނަ ވިދާޅުވި އެވެ. "އަޅުގަނޑުމެން މެންބަރުންގެ ހައިސިއްޔަތުން މިކަން އަވަސް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނަން."

ނިޒާރު ވިދާޅުވީ ޓޫރިޒަމް ގާނޫނު ވެސް މިހާރު އޮތީ ޝަންގްރިއްލާ އަށް ދިމާވެފައިވާ ފަދަ ޓޫރިސްޓް ފެސިލިޓީތަކަށް މައްސަލަތަކަށް އަވަސް ހައްލުތަކެއް ހޯދޭނެ ގޮތަށް ކަމަށްވާތީ މި ސަރުކާރުން ޝަންގްރިއްލާއާ ގުޅޭ ގޮތުން ކުރަމުން އަންނަނީ އުންމީދީ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން ދާދި ފަހުން ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވެސް ރިސޯޓަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

މިދިޔަ މަހު ފަހުކޮޅު ބޭއްވި ނޫސް ކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ ރިސޯޓް އަލުން ހުޅުވޭނެ ދުވަހެއް ދަންނަވަން ދަތި ނަމަވެސް ވީހާ ވެސް އަވަހަކަށް އެތަން އޮޕަރޭޝަނެއް ގެނެވޭތޯ ސަރުކާރުން ވަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝަންގްރިއްލާ ރިސޯޓް ބަންދުކުރީ ކޮވިޑްގެ ތެރޭގައި 2020 ގެ މެދުތެރޭގަ އެވެ. އެ ރިސޯޓަކީ 2008 ގައި ހުޅުވި ތަނެކެވެ.