Last Updated: May 3, 01:04
Saturday, May 3, 2025
މުނިފޫހިފިލުވުން

ޕްރަބާސްގެ 'ސްޕިރިޓް' ގެ ބަތަލާ އަކީ ދީޕިކާ

މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޝޫޓިން ފަށަން ރާވާފައި އޮތް އެކްޓަރު ޕްރަބާސްގެ ފިލްމު "ސްޕިރިޓް" ގެ ބަތަލާ އަކީ ދީޕިކާ ޕަދްކޯން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ 2023 ގެ "އެނިމަލް" ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ހަދާ މި ފިލްމުން ދީޕިކާ ފެންނާނެކަން މިހާރު ގާތްގަނޑަކަށް ކަށަވަރުވެފައިވާ ކަމަށެވެ. އެކަމަކު އެ ފިލްމު އުފައްދާ ބުޝަން ކުމާރުގެ ޓީ ސީރީޒުން އެކަން އަދި ރަސްމީކޮށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

ޕިންކްވިލާ އިން ބުނީ ދީޕިކާ ހިމަނައިގެން މިދިޔަ އަހަރުގެ ތެރޭގައި ވެސް "ސްޕިރިޓް" ގެ ޝޫޓިން ފަށަން ޕްލޭންކުރި ކަމަށެވެ. އެކަމަކު އޭރު އޭނަ ބަލިވެއިނުމާ ގުޅިގެން ފިލްމުން ލިބުނު ފުރުސަތު ދޫކޮށްލީ ކަމަށް ބުންޏެވެ. "ސްޕިރިޓް" ވާނީ ޕްރަބާސްއާ އެކު ދީޕިކާ މަސައްކަތްކުރާ ދެވަނަ ފިލްމަށެވެ.

އެ ދެ ތަރިން އެކީގައި ފެނިގެން ދިޔަ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ ޖޫންގައި ރިލީޒްކުރި "ކަލްކީ: 2898 އޭޑީ" އެވެ. މީގެ ދެވަނަ ބައިގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި އަންނަނީ ތައްޔާރީތައްވަމުންނެވެ.

ދެހާސް އެކާވީހުގައި އިއުލާންކުރި "ސްޕިރިޓް" ގެ ބަތަލާ ދީޕިކާ ކަމަށް ބުނާ އިރު، މި ފިލްމުގަ ބަތަލާގެ ރޯލަށް އައިޝްވާރިއާ ރާއީ އާއި ކެޓްރީނާ ކައިފްގެ އިތުރުން މުރްނާލް ތާކޫރްގެ ގެނައުމާ ގުޅޭ ގޮތުން ވެސް ކުރިން ވާހަކަތަކެއް ދެކެވިފައިވެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އަލަތު ދަރިފުޅު ލިބުނު ދީޕިކާ، ވިހެއުމަށް ފަހު ކުޅޭ ފުރަތަމަ ފިލްމަށް ވާނީ މި މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ "ކިންގް" އެވެ. މިއީ އެ ދެ ތަރިންގެ 2023 ގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމެކެވެ.

އެ ފިލްމުގެ ދެވަނަ ބައެއް ހަދަން ވެސް އޮތީ ޕްލޭންކޮށްފަ އެވެ.

ދީޕިކާގެ އެންމެ ފަހުގެ ފިލްމަކީ ސިދާތު މިދިޔަ އަހަރު ގެނެސްދިން ރިތިކް ރޯޝަންގެ "ފައިޓާ" އެވެ.