ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާތީ ޖަވާބުދާރީވުމަށް މަޖިލީހުގެ އިދާރާ އިން ނޯޓިސް ފޮނުވައިފި އެވެ.
އޭނަ އަށް ނޯޓިސް ފޮނުވީ ބުދަ ދުވަހު އެވެ.
މިނިސްޓަރެއްގެ އިތުބާރު ނެ ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިނަމަ އެ މައްސަލައިގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ މިނިސްޓަރަކަށް މަޖިލިހުގެ އިދާރާ އިން ނޯޓިސް ފޮނުވަން ޖެހެ އެވެ. އެގޮތުން މައްސަލައިގައި އަނގަބަހުންނާއި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ވެސް ގަވައިދުގައިވެ އެެވެ.
އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ އެމްޑީޕީންނެވެ. އެއީ މިދިޔަ މަހުގެ 27 ގަ އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާ އެކު އެވެ.
މިއީ މިނިސްޓަރެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް އެ ޕާޓީން ހުށަހެޅި ދެވަނަ ފަހަރެވެ. ކުރިން އިތުބާރު ނެތް ކަމަށް ހުށަހެޅީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށެވެ.
އެމްޑީޕީން އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު، 21، މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ 9 ވަނަ ބުރިން ޖެހިގެން އިންގޭގެ ފުރާޅި މައްޗަށް ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި އެތައް ބަޔަކު އަމީންަށް ތުހުމަތުތަކެއް ކުރަމުން ދަނިކޮށެވެ.
ފެންޓެނޯއީގެއަށް ޔުމްނު ވަނުމުގެ ކުރިން އެރޭ މެންދަމުގެ ވަގުތުގައި ޔުމްނުއާ އެކު އެހެން ބަޔަކު އަމީން ދިރިއުޅުއްވާ މާންދޫގޭދެކުނުގައި ޕާޓީކޮށްފައިވެ އެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފަ އިވަނީ ޔުމްނު ވެއްޓުނު މައްސަލައިގައި އަމީންގެ އާއިލީ ބަޔަކު ހިމެނޭތީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ މަންފާ އަށް ކަންތައްތަކެއް ކުރައްވާފައިވާ ކަމަށާއި އެއީ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ.