އެމެރިކާ މާކެޓަށް ނެރޭ އައިފޯން އުފެއްދުމުގެ މަސައްކަތް އެއްކޮށް އިންޑިއާ އަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް އެޕަލް އިން ބުނެފި އެވެ.
އެ ކުންފުނިން އެގޮތަށް ނިންމީ މިހާތަނަށް އައިފޯނު އުފެއްދުމުގެ މަސައްކަތް އެންމެ ފުޅާކޮށް ކުރަމުން އައި ޗައިނާ އާއި އެމެރިކައާ ދެމެދު މިހާރު އުފެދިފައިވާ ޓެރިފްގެ ނުތަނަސްކަމާ ހެދި އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށާފައިވާ "ޓެރިހު ހަނގުރާމަ" ގެ ނުރަނގަޅު އަސަރު އެންމެ ބޮޑަށް ކޮށްފައި އޮތީ ޗައިނާއަށެވެ.
އެހެންވެ ޓެރިފަށް ގެނައި ބޮޑު ބަދަލާ ގުޅިގެން އެޕަލް އިން ބުނީ މިހާރު ފޯކަސް ހުރީ އެމެރިކާ މާކެޓަށް ނެރޭ އައިފޯން އިންޑިއާގައި އުފެއްދުން ފުޅާކުރުން ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި އެމެރިކާގެ މާކެޓަށް ނެރޭ އައިފޯން ވާނީ އިންޑިއާގައި އުފައްދާ އެއްޗިއްސަށް." އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވި އެވެ. "މި ބަދަލު ގެންނަން ބޮޑު އިންވެސްޓްމަންޓެއް ވެސް ހިނގާނެ."
އޭނަ ވިދާޅުވީ އެމެރިކާ މާކެޜަށް ނެރޭ އައިފޯން ޕްރޮޑަކްޝަން އެއްކޮށް އިންޑިއާ އަށް ބަދަލުކުރި ނަމަވެސް އެހެން މާކެޓްތަކަކަށް ނެރޭ އައިފޯން އުފެއްދުމުގެ މަސައްކަތް ޗައިނާގައި ކުރިއަށް ދާނެ ކަމަށެވެ. އަދި އައިޕެޑާއި އެޕަލް ވޮޗް އުފެއްދުންތަކުގެ ޕްރޮޑަކްޝަން ހަބަކަށް ވާނީ ވިއެޓްނާމު ކަމަށް ޓިމް ވިދާޅުވި އެވެ.