މިދިޔަ މަހުގެ 18 ވަނަ ދުވަހު އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޒުވާނުން ކުރަމުންދާ މުޒާހަރާގައި ބައިވެރިވާން ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.
މާލޭގައި ސިލްސިލާ ގޮތެއްގައި ޒުވާނުން ކުރަމުންދާ މުޒާހަރާ ރޭ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ރޫޅާލާފަ އެވެ. އަދި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ދެ ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ މަޙްޒޫމް މާޖިދު (28އ) އާއި ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ. އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ތިން ދުވަސް ޖަހާފަ އެވެ.
ޑިމޮކްރެޓްސް އިން ބުނީ އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ ކުއްލި ނުރަސްމީ ބައްދަލުވުމުގައި މި އިހުތިޖާޖުތަކުގައި ބައިވެރިވެ، ޒުވާނުން އެދޭ އެހީތެރިކަމެއް އެދޭ މިންވަރަކަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެ ޕާޓީގެ ކުލަ އާއި ދިދަ ބޭނުން ކުރުމާ ނުލާ، މި މުޒާހަރާގައި ބައިވެރިވެ ޒުވާނުންނަށް ހިތްވަރު ދިނުމަށް އެ ޕާޓީގެ އާންމު މެމްބަރުންނަށް ޑިމޮކްރެޓްސް އިން ވަނީ ގޮވާލާފަ އެވެ.
މީގެއިތުރުން މުޒާހަރާ އިން ރޭ ހައްޔަރުކުރި ދެ ޒުވާނުން ދޫކޮށްލުމަށް ވެސް ޑިމޮކްރެޓްސް އިން ގޮވާލާފައިވެ އެވެ.
ޒުވާނުން ސިލްސިލާ ގޮތެއްގައި ކުރަމުންދާ މުޒާހަރާ ބާއްވަމުން ގޮސްފައިވަނީ ފުލުހުން ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ހުންނަ ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރީގަ އެވެ.
ހޯމް މިނިސްޓްރީން މިރޭ ވަނީ މާލެ ސަރަހައްދުގައި ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުން ހުއްދަ ހަތަރު ސަރަހައްދެއް ކަނޑައަޅާފަ އެވެ. އެއީ، ރަސްފަންނު ސަރަހައްދާއި މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދުގަ އެވެ.
ފުލުހުން ވަނީ މި ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި އާންމު ރައްޔިތުންގެ އަސާސީ އެހެނިހެން ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.