މިދިޔަ މަހުގެ 18 ވަނަ ދުވަހު އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޒުވާނުން ކުރަމުންދާ މުޒާހަރާގައި ބައިވެރިވާން އެމްޑީޕީގެ ޒުވާނުން މާލެ އަރަން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގޮވާލައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ޒުވާނުންގެ ހަރަކާތަކީ ސިޔާސީ ޕާޓީއަކުން ހިންގާ ކަމެއް ނޫން ކަމަށާއި ނަމަވެސް އެ ހަރަކާތާއި މެދު ދައުލަތުން އަމަލުކުރަމުންދާ ގޮތާއި މެދު ކަންބޮޑު ނުވެ ތިބެވެން ނެތް ކަމަށެވެ. އެގޮތުން އެކަމަށް އަޑު އުފުލަންޖެހޭ ކަމަށާއި އެގޮތުން ޒުވާނުންގެ މުޒާހަރާގައި އެމްޑީޕީގެ މެމްބަރުން ބައިވެރިވުމަށް ފައްޔާޒު ގޮވާލެއްވި އެވެ.
"ދިވެހި އެންމެހާ ޒުވާނުންނަށް، ރަށްރަށުގައި ތިބި ޒުވާނުން އަދި އެމްޑީޕީއަށް ނިސްބަތްވާ ޒުވާނުން މާލެ އައިސް ޒުވާނުންގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ގޮވާލަން،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއަށް ފަހު އެ ޕާޓީގެ ބައެއް މެމްބަރުން ވަނީ ކާނިވާ ސަރަހައްދުގައި ކުރިއަށްދިޔަ ޒުވާނުންގެ މުޒާހަރާގައި ބައިވެރިވެފަ އެވެ.
މާލޭގައި ސިލްސިލާ ގޮތެއްގައި ޒުވާނުން ކުރަމުންދާ މުޒާހަރާ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ރޫޅާލައި، މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ދެ ޒުވާނަކު ހައްޔަރުކޮށްފަ އވެެ. އެއީ މަޙްޒޫމް މާޖިދު (28އ) އާއި ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ. އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ތިން ދުވަސް ޖަހާފަ އެވެ.
އެމްޑީޕީގެ އިތުރުން ޒުވާނުންގެ މުޒާހަރާގައި ބައިވެރިވާން ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ ނިންމާފަ އެވެ.