ހާއްސަ ދާއިރާތަކުން ޑޮކްޓަރުން ތަމްރީނުކުރަން ހެލްތު މިނިސްޓްރީން މެރކް ފައުންޑޭޝަންގެ އިސް ވެރިންނާއެކު މަޝްވަރާކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމްގެ އިތުރުން ސީނިއާ ލެވަލްގެ އެކި ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މެރކް ފައުންޑޭޝަންގެ ފަރާތުން ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން ޕްރޮފެސާ ޑރ. ފްރޭންކް ސްޓަންގެންބާގް ހަވާކެމްޕް އަދި ފައުންޑޭޝަންގެ ސީއީއޯ ސެނެޓާ ޑރ. ރަޝާ ކެލެޖް ބައިވެރިވެވަޑައިގެންނެވި އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި، ޚާއްސަ ދާއިރާތަކުން ޑޮކްޓަރުން ތަމްރީން ކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުމާއި، ސްކޮލަޝިޕްގެ ފުރުސަތުތައް ހޯދައިދިނުން ހިމެނޭ ކަމަށެވެ.
އަދި ދަރިމައިވުމުގެ ޞިއްހަތާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމާއި އެކަމާ ގުޅުންހުރި ފަރުވާގެ ނިޒާމް ހަރުދަނާކޮށް، މި ދާއިރާގެ އިންފްރާސްޓްރަކްޗާ އާއި ގުޅޭ ކަންކަމުގައި އެހީތެރިވެދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެއިތުރުން ކެންސަރު ބައްޔާއި މެންޓަލް ހެލްތު ފަދަ ބަލިތަކުން މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި ސްކްރީނިން އާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ކެމްޕޭންތައް ހިންގުމުގައި ދެ ފަރާތްގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.