ކެރިއަރުގައި މިހާތަނަށް އެންމެ ބޮޑު ފީއެއް ލިބުނު ފިލްމަށް ބަތަލާ ޝްރަދާ ކަޕޫރް ސޮއިކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްތާ ކަޕޫރް ޕްރިޑިއުސްކޮށް، ރާހީ އަނިލް ބަރްވޭ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ތުރިލާ އަށް ހުނަރުވެރި ބަތަލާ ސޮއިކުރީ 17 ކްރޯޑް ރުޕީސް (2.01 މިލިއަން ޑޮލަރު) އަށެވެ.
ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު އަގަކަށް ފިލްމެއް ކުޅެފައި ވަނީ ދީޕިކާ ޕަދްކޯނެވެ.
އެހެންވެ ޝްރަދާ މިހާރު ވެފައި ވަނީ ދެވަނަ އަށް އެންމެ އަގުބޮޑު ބަތަލާއަށެވެ. މިދިޔަ އަހަރު ރިލީޒްކުރި އޭނަގެ ހޮރޯ-ކޮމެޑީ "އިސްތިރީ 2" އަށް ބޮކްސް އޮފީހުގައި ލިބުނު ތަރުހީބާ އެކު، ޝްރަދާގެ ޑިމާންޑް ވެސް ވަރަށް ބޮޑަށް އުފުލި، ގިނަ ހުށަހެޅުންތަކެއް ވެސް އަންނަނީ ލިބެމުންނެވެ. ނަމަވެސް އޭނަ ބުނެފައި ވަނީ ގިނަ ފިލްމުތަކަކަށް ސޮއިކުރަން ބޭނުން ނުވާ ކަމަށާއި ދެން ސްކްރިޓްތައް ހޮވާނީ ވަރަށް ބޮޑަށް ބަލައިގެން ކަމަށެވެ.
އެކްތާގެ ފިލްމަކުން ޝްދަރާ އަށް ފީއެއްގެ ގޮތުގައި ބޮޑު އަގެއް ލިބުނު އިރު، އެ ފިލްމަށް އޭނަ ސޮއިކުރީ ފިލްމު ރިލީޒްކޮށްގެން ލިބޭ ފައިދާ އިން ވެސް ބައިއަޅާ ގޮތަށް ކަމަށް މީޑިއާތަކުން ބުންޏެވެ. މިއީ މީގެ ކުރިން ބޮލީވުޑްގެ އެހެން ބަތަލާއަކަށް ފަހިވި ފުރުސަތެއް ނޫނެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އާ ފިލްމުގެ ޝޫޓިން ޝްރަދާ ފަށާނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މީގެ ޑައިރެކްޓަރު އަނިލް އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2018 ގެ ބިރުވެރި ފިލްމު "ތުމްބަޅް" ގެ ޑައިރެކްޓަރެވެ.