އެސްޓީއޯ އިން ހުޅުމާލޭގައި ހަދަން ފަށައި، ނުނިމި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ ސިޓީ ހޮޓާ ނިންމަން މިހާރު އާ ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ އެ މަސައްކަތް ނިންމައި ން ހިންގަން ހަވާލުކުރީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްއާ ކަމަށެވެ.
އެޗްޑީސީން ބުނީ ސަރުކާރުގެ ބޭނުމަށް ހާއްސަކުރާ އޮފީސް ބައެއް ހިމެނޭގޮތަށް ތަރައްގީކުރާ އެ ހޮޓަލްގެ މަސައްކަތް އެތަން ހިންގުމަށް ހާއްސަކޮށްގެން އުފައްދި، ވޯލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ، އެ މަސައްކަތް ކުރިން ހަވާލުވެފައި އޮތް އެސްޓީއޯއާ އެކު ސެޓްލްމެންޓް އެގްރީމެންޓަކަށް ދިއުމަށް ފަހު ކަމަށެވެ.
އެ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރާ ބައިތަކުގައި ސަރުކާރުގެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް، ޔޫތު ސެންޓަރު (އީ-ސްޕޯޓްސް) އަދި ހެރިޓޭޖް ކޮލެޖް އިތުރުން މެޑިކަލް ކޮލެޖު ތަރައްގީކުރާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެގޮތުން އެ ބައިތަކުގެ މަސައްކަތް ހަވާލުކުރީ މަސައްކަތް ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ހޮޓެލްގެ ބާކީ ބައިތަކުގައި ފަސް ތަރި ސްޓޭންޑާޑްގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ ނުވަ މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެންނަން ޖެހެ އެވެ.
'މެންހަޓަން ގްރޭންޑް ހޮޓެލް' ގެ ނަމުގައި ވޯލްޑް އޮފް ބިޒްނަސް އިން އެ ހޮޓާ ހިންގަން ހަމަޖެހިފައި ވަނީ 50 ޕަސަންޓް ފޮރިން އިންވެސްޓްމަންޓާ އެކު ކަމަށް އެޗްޑީސީން ބުންޏެވެ.
މަޝްރޫއަށް އިންވެސްޓް ކުރަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ "ޑީޕް ސީފުޑް ކޮމްޕެނީ" ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.