ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި ލިބުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަވުމުގައި ވިދާޅުވީ ހެލިކޮޓަރުގެ ހިދުމަތް ފެށުމަކީ ޓޫރިޒަމް ދާއިރާ އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށެވެ. އެގޮތުން އެ ހިދުމަތް ދޭން ހުޅުވައިލުމުން ލިބުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަމުން އަންނަ ކަމަށް ވިދާޅުވި ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިވާ ބަޔަކު ހޯދުމަށް މިދިޔަ އަހަރުގެ ތެރޭގައި ހުޅުވައިލުމުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) 36 ފަރާތަކުން ހުށަހެޅި ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވެ އެވެ.
އޭރު މިނިސްޓަރު ވިދާޅުވެފައި ވަނީ ހެލިކޮޕްޓަރު ހިދުމަތް މި އަހަރުގެ މާޗު މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.
އަމީން ވިދާޅުވެފައިވާ ގޮތުގައި ހެލިކޮޕްޓަރުގެ ހިދުމަތުގައި ބޭނުން ކުރާނީ އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަންގެ ރިކޮމަންޑޭޝަންތަކާ އެކު ސަލާމަތީ ގޮތުން އެންމެ ރަނގަޅު ފެންވަރުގެ ހެލިކޮޕްޓަރުތަކެވެ.
ރާއްޖޭގައި މީގެ ކުރިން ވެސް ވިޔަފާރީގެ އުސޫލުން "ހަމިންބާޑް" ގެ ނަމުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދީފައިވެ އެވެ. އަދި މި ފަހުން ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރީ ހަމައެކަނި ކުއްލި ހާލަތްތަކުގަ އެވެ. އެއީ އިންޑިއާ ސަރުކާރުން ދީފައިވާ ދެ ހެލިކޮޕްޓަރުގަ އެވެ.