Last Updated: May 3, 23:49
Saturday, May 3, 2025
ޚަބަރު

އައްޑޫގެ ކަރަންޓް ކެޕޭސިޓީ 10 އަހަރަށް އިތުރު ކުރަނީ

އައްޑު އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އަޑް ހައްލެއް ހޯދަން ކުރިއަށް އޮތް 10 އަހަރަށްވާ ވަރަށް ކަރަންޓް ކެޕޭސިޓީ އިތުރު ކުރަން ބޮޑު މަޝްރޫއެއް ރާވާފައިބާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ އެކަމަށް ބޭނުންވާ ފައިސާ ވެސް ގިނޭންސް މިނިސްޓްރީގެ ތެރެއިން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ ކަރަންޓް ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސްތެރޭގައި ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އައްޑޫގެ އިތުރުން ފުވައްމުލަކުގެ ކަރަންޓް ކެޕޭސިޓީ ވެސް ކުރިއަށް އޮތް 10 އަހަރަށްވާ ވަރަށް، ދައްޗެއް ނެތި އުފެއްދޭ ވަރަށް އިތުރު ކުރާނެ ކަމަށެވެ. އެގޮތުން ދެ ސިޓީގައި ވެސް މި މަޝްރޫއު ކުރިއަށް ގެންދަނީ ޓޫރިޒަމް ވެސް ފުޅާވަމުން އަންނާތީއާ އެކު އެކަމަށް ވެސް ރިއާޔަތްކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.

އައްޑޫގެ ކަރަންޓް މައްސަލަ ހައްލު ކުރަން ފެނަކަ އިން މިދިޔަ އަހަރުގެ އެޕްރީލް 18 ގައި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންފަންގް އިލެކްޓްރިކްއާ ހަވާލުކުތި އެވެ. އެ ކުންފުންޏާ ހަވާލުކުރީ 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށެވެ.

މި މަޝްރޫ އަކީ ޑޮންފަންގް އިލެކްޓްރިކްއިން ފައިނޭންސްކުރާ މަޝްރޫއެކެވެ. ފެނަކަ އިން ބުނެފައިވާ ގޮތުގައި މަޝްރޫއު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، ފުރަތަމަ ފޭހުއި އިންސްޓޯލް ކުރާނީ 9.8 މެގަވޮޓްގެ ގެ ދެ ޖެނަރޭޓަރު ސެޓާއި 5.8 މެގަވޮޓްގެ ގެ ދެ ޖެން ސެޓް ކަމަށެވެ.

ފެނަކައި އިން ބުނެފައި ޕަވަ ޕްލާންޓް ތަރައްގީ ކުރާނީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކީގަ އެވެ. އެގޮތުން މި މަޝްރޫއު ނިމުމުން އައްޑު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20-25 އަހަރަށް ހައްލުވާނެ ކަމަށް ބުނެފައިވެ އެވެ.

އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ގުޅިފައިވާ ހަތަރު އަވަށަށް ބޭނުންވާ ވަރަށް ކަރަންޓް ނުއުފެއްދި، ލޯޑު ބޮޑުވެ، ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ އެވެ.