އަސްކަރީ ގޮތުން ރާއްޖެ ވަރުގަދަ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމަށާއި އެކަން ކުރަނި އެހެން ކަންކަން ހުއްޓާލާފައި ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ އެކު މިހާރު ކުރިއަށް ގެންދާ ބައްދަލުވުމުގައި އެ މަނިކުފާނު ވދާޅުވީ ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމަށް މަސައްކަތެއް ނުކޮށް އޮންނަތާ 20-25 އަހަރުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ މުހިއްމު ކަމަކާ އެކީގައި ކުރަންޖެހޭ މުހިއްމު ކަމެއް ދިފާއީ ބާރު ވަރުގަދަ ކުރުމަކީ. އެއީ އަޅުގަނޑުމެންގެ ޒިންމާއެއް. ސަރުކާރެއް ވިއްޔާ ޒިންމާއަކަށް ވާނެ އެ ގައުމެއްގެ ދިފާއީ ބާރު ވަރުގަދަ ކުރުން. އަޅުގަނޑުމެން މި އުޅެނީ ހަނގުރާމައެއް ކުރާކަށް ނޫން. އަޅުގަނޑުމެންނަކީ ސުލްހަވެރި ގައުމެއް، އަޅުގަނޑުމެންގެ މި ސަރަހައްދު ވެސް އަޅުގަނޑުމެން ބޭނުންވަނީ ސުލްހަވެރިކޮށް އޮންނަން،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކީ ފަހުރުވެރި މިނިވަން ގައުމަކަށް ވީމާ އަޅުގަނޑުމެންގެ ދިފާއީ ބާރުގައި ވަރު ހުންނަން ޖެހޭނެ. ކެޕޭސިޓީ ހުންނަން ޖެހޭނެ."
އެ މަނިކުފާނު ވިދާޅުވީ އެމްއެންޑީއެފަށް ދާދި ފަހުން ޓޭންކަރުތަކެއް ހޯދީ ހަނގުރާމައެއް ކުރަން ނޫން ކަމަށެވެ.
އަދި މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔުގެ ގާބިލުކަން އިތުރުކުރުމަށް ވެސް އިންވެސްޓު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ކޯސްޓުގާޑުގެ ގާބިލްކަން ދެގުނަ އިތުރު ކުރުމަށް ފަށާފައިވާ މަސައްކަތް ކުރިއަށް ދާކަމަށް ވިދާޅުވި އެވެ.
"ކޯސްޓުގާޑުގެ ކެޕޭސިޓީ އިތުރު ކުރަނީ ވެސް އަޅުގަނޑުމެންގެ ޓެރިޓަރީ ބަލަހައްޓަން. އަޅުގަނޑުމެންގެ އީއީޒެޑު ވަރަށް ބޮޑު، އިރާދަކުރެއްވިއްޔާ، ވަރަށް މަދު ގައުމެއްގައި މިހާ ބޮޑު އީއީޒެޑެއް އޮންނާނީ ވެސް." ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދަށް ބޭރުގެ ފަރާތްތަކުން ވަގަށް ވަދެ މަސްބޭނުން ފަދަ ކަންތައް ކުރާ ކަމަށާއި މި ސަރަހައްދު ރަނގަޅަށް ބަލަހައްޓަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ މިނިވަންކަން، އަޅުގަނޑުމެންގެ ސަރަހައްދު އަޅުގަނޑުމެންނަށް ކިހާވަރަކަށްތޯ ހިމާޔަތް ކުރެވެނީ. އަޅުގަނޑުމެންގެ ސްޓްރެންތު އަޅުގަނޑުމެންގެ އަމިއްލަ ސަރަހައްދު ބެލެހެއްޓުން އޮތީ ކިހާވަރަކަށްތޯ،" ރައީސް ވިދާޅުވި އެވެ. "އެ ކެެޕޭސިޓީ ހުރިވަރު ބަލައި، މިއީ ކޮންމެހެން ވެސް ކުރަންޖެހޭ ކަންތައް،"
އެ މަނިކުފާނު ވިދާޅުވީ އެމްއެންޑީއެފަށް ޑްރޯން ގެނައީ ވެސް އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ބެލެހެއްޓުމުގެ ކަންތައް ހަރުދަނާ ކުރުމަށް ކަމަށެވެ.
"އަސްކަރީ ގާބިލުކަން އިތުރުކުރަނީ އަޅުގަނޑުމެންނަކީ ފަހުރުވެރި މިނިވަން ގައުމަކަށްވާތީ އަޅުގަނޑުމެންގެ މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމަށް." ރައީސް ވިދާޅުވި އެވެ.