Last Updated: May 3, 23:49
Saturday, May 3, 2025
ޚަބަރު

ހަންކެޑެ ޕްރޮޖެކްޓް ލަސްވަނީ ފައިސާ ހަމަނުޖެހިގެން

އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން ހަމަޖެހިފައިވާ އައްޑޫ ހަންކެޑެ މަޝްރޫއުގެ މަސައްކަތް ނުފެށި ލަސްވަނީ އެކަމަށް ބޭނުންވާ ފައިސާ ހަމަނުުޖެހިގެން ކަމަށް މަޖިލީހުގެ އައްޑޫ ފޭދޫ އުތުުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ.

އެ މަޝްރޫއު ހަވާލުކޮށްފައި އޮތީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފޭދޫ ޕީއެންސީ އޮފީހުގައި ބޭއްވި ޖަލްސާގައި ނިޒާރު ހަންކެޑެ މަޝްރޫއަކީ މި ސަރުކާރުން ކުރިއަށް ގެންގޮސް ނިންމާނެ މަޝްރޫއެެއް ކަމަށެވެ. ނަމަވެސް އެކަމަށް އަދި ފައިސާ ނުޖެހި މަސައްކަތް ދިގުލައިގެން ދިޔަ ނަމަވެސް ޕްރޮޖެކްޓާ ހަވާލުވެފައި އޮތް ކުންފުންޏަށް އެކަން ކުރިއަށް ގެންދެވޭނެކަމުގެ "އެޝިއުރަންސް" ސަރުކާރުން ކަށަވަރު ކުރާނެ ކަމަށް ވިދާޅުވ އެވެ.

މޯލްޑިވްސް ފަންޑް މެނޭޖުމެންޓް ކޯޕަރޭޝަން (އެފްއެމްސީ) އިން ހަންކެޑެ ޕްރޮޖެކްޓް ސީއެންއީއީސީއާ ހަވާލުކުރީ މާޗް 30، 2023 ގަ އެވެ. ހަންކެޑެ ތަރައްގީ ކުރަން ހަމަޖެއްސީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

މި ސަރުކާރުން ހަންކެޑެ މަޝްރޫއު ރަސްމީކޮށް އިފުތިތާހުކުރީ މިދިޔަ އަހަރުގެ އެޕްރީލް 15 ވަނަ ދުވަހުގެ ރެ އެވެ.

މި ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ. އަދި އެއީ ބެޑް ކެޕޭސިޓީ އަށް ބަލާ އިރު، 2،080 އެނދެވެ. ހަންކެޑެ މަޝްރޫއަކީ 25،000 ޓޫރިސްޓުންނަށް އަމާޒުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ތެރޭގައި:

* 2 ގްރޭންޑް ހޮޓެލް: 600 އެނދު
* 2 ޑިލަކްސް ހޮޓެލް: 320 އެނދު
* 8 ބުޓީކް ހޮޓެލް: 560 އެނދު
* 8 ސާވިސްޑް އެޕާޓްމަންޓް: 560 އެނދު
* 8 ބީޗް ވިލާ ދެ ކޮޓަރީގެ: 32 އެނދު
* 9 ބީޗް ވިލާ ހަތަރު ކޮޓަރީގެ: 72 އެނދު

މީގެ އިތުރުން ޓޫރިސްޓުންނަށް ބޭނުންވާ ވަރަށް ގިނަ އެކިއެކި ވަސީލަތްތައް މަޝްރޫއުގެ ތެރޭގައި ގާއިމުކުރާ ގޮތަށް ޕްލޭންކޮށްފައިވެ އެވެ.

ހަންކެޑެ މަޝްރޫއު "ވާނުވާގައި" އޮތް އިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ އެތަނުގައި ތަރައްގީކުރާ ހޮޓާތައް މެނޭޖްކޮށް، އޮޕަރޭޓް ކުރަން ދެ ކުންފުންޏަކާ ވެސް ހަވާލުކޮށްފައިވެ އެވެ. އެމްއެފްއެމްސީން ބުނެފައި ވަނީ ހޮޓާތައް ހިންގުން ހަވާލުކުރީ ޓައިމްސް ހޮޓެލްސް އާއި ކޮންޑުއިޓް ހައުސްއާ ކަމަށެވެ.