Last Updated: May 3, 23:49
Saturday, May 3, 2025
ޚަބަރު

އެއްބަސްވުންތަކުގައި ކަންބޮޑުވާ ވަރުގެ ކަމެއް ނެތް

މިދިޔަ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި، ކަންބޮޑުވާން ޖެހޭ ވަރު ކަމެއް މިހާރަކު ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިއަދު ކުރިއަށް ގެންދަބާ ނޫސް ކޮންފަރެންސްގައި ވިދާޅުވީ އަސްކަރީ އެއްބަސްވުންތަކުގައި "ކޮންފިޑެންޝިއަލިޓީ ކްލޯޒް" ތައް ހިމެނޭ ކަމަށާއި، އެހެންކަމުން އެއްބަސްވުމުގައި ހިމެނޭ އަނެއް ޤައުމުގެ ރުހުމާ ނުލައި އެއްބަސްވުންތައް ހާމަކުރުމުގެ ފުރުސަތު ނޯންނަ ކަމަށެވެ.

އަދި، އެއްބަސްވުންތައް ހާމަކުރުމާ ގުޅޭ ގޮތުން، ބައިލެޓްރަލް މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހައިޑްރޮގްރަފީ އެއްބަސްވުމެއްގެ ތެރެއިން ކަނޑުގެ އަޑީގެ ހުރިހާ މެޕިންއެއް ހަދާ ގޮތަށް އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އާ ނުކުރާނެ ކަމަށެވެ. ނަމަވެސް އެ ދާއިރާއިން ކެޕޭސިޓީ އިތުރުކުރުމަށް ކޮންމެ ގައުމަކަށް ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެހެން ބަޔަކު ރާއްޖޭގައި ތިބެގެން އެކަން ކުރުމަކީ ރާއްޖޭގެ މައިގަނޑު ސިޔާސަތާ ފުށޫއަރާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކިތަންމެ ބޮޑު ގައުމެއް ނުވަތަ ކިތަންމެ ކައިރި ގައުމަކަށް ވިޔަސް، އަދި ކިތަންމެ އެހީއެއް ވެދޭ ގައުމަކަށް ވިޔަސް ރާއްޖޭގެ މިނިވަންކަމާ މެދު ސުވާލު އުފެދުމުގެ އެއްވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"މައިގަނޑު ޔަގީންކަމަކީ އަޅުގަނޑު ދޭން ބޭނުންވާ. އަޅުގަނޑުމެންގެ ޤައުމަށް ކުރިން މިދެންނެވި މިނިވަންކަމާ ސިޔާދަތު ހިމާޔަތްކުރުމުގަ ގެއްލުންވާނެ ކަމެއް އޮތީޔާ މިހާރަކު އެކަމެއް ނޯންނާނެ." ރައީސް ވިދާޅުވި އެވެ.

ނަމަވެސް އިންޑިއާއަ އެކު ހަދާފައިބާ އެއްބަސްވުންތަކުގައި ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެ ކުރީގެ ޕީޕީއެމުން ކުރީގެ މުޒާހަރާތަކާއި "އިންޑިއާ އައުޓް" ގެ ނަމުގައި ބޭއްވި އެއްވުންތަކުގައ ރައީސަކީ އެއްބަސްވުންތަކާ އެކު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި ބޭފުޅެކެވެ.

އެގޮތުން އެއްބަސްވުންތަކުގެ ތަފުސީލު ހާމަކުރަން އޭރު ގޮވާލެއްވި އެވެ.