Last Updated: May 3, 23:49
Saturday, May 3, 2025
ޚަބަރު

ވާދޫ މުޅިން ސޯލާ އިން ހިންގާ މޮޑެލް ރަށަކަށް

ރ. ވާދު އަކީ އިއާދަކުރަނިވި ހަކަތައިގެ މޮޑެލް ރަށަކަށް ހަދަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު އެ މަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ވާދު އަކީ މުޅީން ސޯލާ ހަކަތައިން ހިންގާ ރަށަކަށް ހެދުމުގެ މަސައްކަތް މި އަހަރުތެރޭ ނިންމާލުމަށް ނިންމާފައިވާ ކަމަށެވެ.

"މިއީ މޮޑެލްއަކަށް ބަލައިގެން، ޕައިލެޓް ޕްރޮޖެކްޓަކަށް ބަލައިގެން އެހެން ރަށްތައް ވެސް ފުލީ ސޯލާއިން ރަން ކުރާ ރަށްރަށަށް ހެދުމަކީ ހަމަ އަޅުގަނޑުމެން ވަރަށް ބޭނުންވާ ކަމެއް. ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ސްޓެލްކޯ އާއި ފެނަކަ މެދުވެރިކޮށް ހިންގާ 'މަގޭ ސޯލާ' މަޝްރޫއުގެ ދަށުން ތިން މެގަވޮޓްގެ ޕެނަލް އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަަމަށެވެ. އަދި އެސްއީޒެޑްގެ ދަށުން މާލެ އަތޮޅު ފަޅެއްގައި 100 މެގަވޮޓްގެ ފްލޯޓިން ސޯލާ ފާމެއްގެ މަސައްކަތަށް ހުއްދަ ދޫކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި އަހަރުގެ ޖެނުއަރީގައި ރ. އަތޮޅަށް ކުރެއްވި ވާދު އަށް ވަޑައިގެން ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ސަރުކާރާއި ރައްޔިތުން ގުޅިގެން ވާދޫގެ ރައްޔިތުން ބޭނުންވާ ނަމަ ހަމައެކަނި އިޔާދަކުރަނިވި ހަކަތައިން ހިންްގާ ރަށަކަށް އެ ރަށް ބަދަލު ކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑަށް ޔަގީން ރަށުގެ ރައްޔިތުން އެ ވިސްނުންފުޅުގައި ތިއެބެވި ކަމަށްވަންޏާ އަޅުގަނޑުމެންނަށް ސަރުކާރާއި ރައްޔިތުންނާ ގުޅިގެން މި ރަށުގެ ގެތަކާއި ހިދުމަތް ދޭ މަރުކަޒުތަކާއި ހުރިހާ ތަނަކީ އިޔާދަކުރަނިވި ހަކަތައިން ރަން ކުރާ ރަށަކަށް ހެދިދާނެ." ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު ހަމަ އެކަން ކުރަން ގަސްތުކުރާ ވާހަކަ. އެހެން ނަމަވެސް ވައުދެއް ނޫން. ރައްޔިތުން ބޭނުންފުޅު ވެލައްވަންޏާ އަޅުގަނޑު ދެކެން ބޭނުންވަނީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭ ނިމިގެންދާއިރުގައި މި ރަށް މިއީ މޮޑެލް ރަށަކަށް ހެދުން. މުޅި ރަށް އެއްކޮށް އިޔާދަކުރަނިވި ހަކަތައިން ބޭނުން ކުރާ ރަށަކަށް ހެދުން."