އަސާސީ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ތެރެއިން 10 ބޭހެއް ފިޔަވައި އެހެން ހުރިހާ ބޭހެއް އެސްޓީއޯ އިން ލިބެން ހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ 1،207 ޖެނެރިކް ބޭހުގެ ތެރެއިން މި ވަގުތު އެސްޓީއޯ އިން 784 ބޭސް ލިބެން ހުންނާނެ ކަމަށެވެ. އަދި އިތުރު 308 ބޭހަކަށް މިހާރު އޯޑަރު ދީފައި ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަމިއްލަ ފަރާތްތަކުން ވިއްކާ 77 ބޭހެއްގެ އަގު ރިވައިޒްކޮށް މިރެ އިން ފެށިގެން އެ އަގުތަކަށް އަމަލުކުރަން ފަށާނެކަމަށެވެ.
"އަގު ރިވައިޒްކުރީ ބޭސް ގެނައުމަށް ހިތްވަރު ދިނުމަށް، ސްޓޮކް މެއިންޓެއިންކުރުމަށް، އަޅުގަނޑު އުންމީދުކުރަނީ ހިފެހެއްޓުމެއް ނައިސް ބޭސް ގެންނާނެ ކަމަށް." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ބޭހުގެ ސަޕްލައި އިތުރަށް ހަރުދަނާކުރުމަށްޓަކައި 115 ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދީ މީގެ ސަބަބުން ރާއްޖޭގައި މި ވަގުތު ދިމާވެފައިވާ ބޭހުގެ ދަތިކަމަށް އަވަސް ޙައްލެއް ލިބިގެން ދާނެ ކަމަށް ވިދާޅުވި އެވެ.